ޚަބަރު

ޓެކްސީއަކުން ފެނުނު ލައްކައެއްހާ ރުފިޔާ ވެރިފަރާތާ ހަވާލުކޮށްފި


ހަދާންނެތިގެން ޓެކްސީއެއްގެ ތެރޭގައި ބާއްވާފަދިޔަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާހުރި ސިޓީ އުރައެއް ފުލުހުން މެދުވެރިކޮށް އޭގެ ވެރިފަރާތާ ޙަވާލުކޮށްފިއެވެ.





ފުލުހުން ބުނީ ޢާއްމު ރައްޔިތަކު ސިޓީ އުރައެއްގައި ގެންގުޅުނު ގިނަ
ޢަދަދެއްގެ ބޭރުފައިސާ ހަނދާން ނެތިގެން ޓެކްސީއެއްގައި ބޭއްވުމަށްފަހު އެފައިސާ
ގެއްލިގެން އެމައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 4 ވަނަ ދުވަހުގެރޭކަމަށެވެ. ފުލުހުން ބެލިބެލުމުން ފައިސާ ގެއްލެން މެދުވެރިވީ އެސްޓީއޯ ޓްރޭޑް
ސެންޓަރުން ޓެކްސީއެއްގައި ގަލޮޅު ހުރި ގެއަކަށް ފޭބިއިރު ފައިސާ ހުރި ސިޓީ އުރަ
ޓެކްސީގެ ފަހަތު ސީޓުގައި ބާއްވާފައި ދިޔުމުންކަމަށް ފުލުހުން ވިދާޅުވެއެވެ.



ފުލުހުން ބުނީ އެފައިސާ ހޯދުނީ ފަހުން އެޓެކްސީއަށް އެރި މޯލްޑިވިއަންގައި
މަސައްކަތްކުރާ ބިދޭސީއަކަށް އެސިޓީ އުރަ ފެނިގެންކަމަށެވެ. އަދި އެ
ބިދޭސީމީހާއަށް ފައިސާ ހުރި ސިޓީ އުރަ ފެނުނު ހިސާބުން އޭނާ ވަނީ މޯލްޑިވިއަންގައި
މަސައްކަތްކުރާ އޭނާގެ ސުޕްވައިޒަރެއް މެދުވެރިކޮށް، އެފައިސާގެ ވެރިފަރާތެއް ހޯދުމަށް
ފުލުހުންނަށް ހުށަހަޅާފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.ފުލުހުން ވިދާޅުވީ ފެނުނު ފައިސާތައް އޭގެ ވެރި ފަރާތާ މިހާރު
ހަވާލުކޮށްފައިވާކަމަށެވެ. 



ފުލުހުން ވިދާޅުވީ ޓެކްސީގެ ފަހަތު ސީޓުން ފެނުނު ސިޓީ އުރައިގައި 4500 ޔޫރޯ
އާއި، 1200 ޔޫއެސް ޑޮލަރާއި، 44590 ތައިބާތު އާއި 500 ސައުދީ ރިޔާލްގެ އިތުރުން
100 އޮސްޓެރޭލިއަން ޑޮލަރު އޮތްކަމަށެވެ.