ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އައިއެމްއެފްގެ އެހީ މެމްބަރު ޤައުމުތަކަށް


ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް 650 ބިލިއަން އެމެރިކާ ޑޮލަރު މެމްބަރު ޤައުމުތަކަށް ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ނިންމައިފިއެވެ.

ސްޕެޝަލް ޑްރޯވިންގ ރައިޓްސް (އެސްޑީއާރް) ގެ ގޮތުގައި ދޭން ނިންމާފައިވާ މި އެހީއަކީ އައިއެމްއެފްއިން މެމްބަރު ޤައުމުތަކަށް މިހާތަނަށް ދޭން ނިންމާފައިވާ އެންމެ ބޮޑު އެހީކަމުގައި އައިއެމްއެފްއިން ނެރުނު ބަޔާނެއްގައި ކްރިސްޓަލީނާ ވިދާޅުވިއެވެ. އަދި މި އެހީގެ ބޭނުން ޤައުމުތަކުގެ އިޤްޠިޞާދު އާރާސްތުކުރުމަށާއި ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރެވޭނެކަމަށް އައިއެމްއެފްއިން ބުނާއިރު މި އެހީގެ ބޭނުން ރަނގަޅު ގޮތުގައި ކޮށްފިނަމަ މިއީ މިފަދަ ބަލިމަޑުކަމުން އަރައިގަތުމަށް ލިބޭ ރަނގަޅު އެހީއަކަށްވެގެންދާނެވެސް ކަމަށް ކްރިސްޓަލީނާ ވިދާޅުވެއެވެ.

މީގެއިތުރުން މި އެހީގެ ތެރެއިން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް 275 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު މަދުން ޢާމްދަނީ ލިބޭ ޤައުމުތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 21 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި ލިބޭ މުއްސަނދި ޤައުމުތަކަށް ލިބޭ އެސްޑީއާރް ފަޤީރު ޤައުމުތަކަށް ދިނުމަށް އައިއެމްއެފްއިން ހިތްވަރުދޭކަމަށްވެސް ޖޯޖީވާ ވިދާޅުވެއެވެ. އެގޮތުން އައިއެމްއެފް އިން މިހާރުވެސް މަދުން އާމްދަނީ ލިބޭ ޤައުމުތަކަށް ހިންގާ ޕަވަޓީ ރިޑަކްޝަން އެންޑް ގްރޯތް ޓްރަސްޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤައުމުތަކަށް ކުރެވިދާނެ ކަމެއްގެގޮތުގައި ކްރިސްޓަލީނާ ފާހަގަކުރެއްވިއެވެ.

އެސްޑީއާރްގެ ގޮތުގައި އައިއެމްއެފްއިން އެންމެފަހުން މެމްބަރު ޤައުމުތަކަށް އެހީ ދީފައިވަނީ 2009 ވަނަ އަހަރުއެވެ. އެ އަހަރު 250 ބިލިއަން އެމެރިކާ ޑޮލަރު ޤައުމުތަކަށް ވަނީ ދީފައެވެ.