ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިން އިތުރު ކެޓަގަރީތަކުގެ މީހުންގެ ގަޔަށް ޖެހުމަށް ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.
މިމަހުގެ 15ވަނަ ދުވަހުން ފެށިގެން މިހާރުވެސް މާލެއާއި އަތޮޅުތަކުގައި ބައެއް ކެޓަގަރީތަކުގެ މީހުންގެ ގަޔަށް އަންނަނީ މިވެކްސިން ޖަހަމުންނެވެ.
ފައިޒަރ ވެކްސިނަކީ ޢުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެކެވެ. އެންމެފަހުން ލިބިފައިވާ ފައިޒަރ ވެކްސިން މައިގަޑުގޮތެއްގައި ޖަހަން ނިންމާފައިވަނީ ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ކުޑަކުދިންގެ އިތުރުން ފައިޒަރ ވެކްސިން ޖަހާނީ މާބަނޑު މީހުންނަށާއި ބަލިހާލަތުގެ ގޮތުން މި ވެކްސިން ނޫން އެހެން ވެކްސިނެއް ނުޖެހޭނެ މީހުންގެ ގަޔަށްކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން ވިދާޅުވެފައިވާގޮތުގައި ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލްގައި އުޅޭ ކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. އެކަން ދަނީ މިހާރު ކުރިއަށެވެ.
ސްކޫލްތަކުގެ ދަރިވަރުން ފިޔަވައި ޢުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަޑުމީހުންނާއި މި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން މީހުން ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިންޖަހަން ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
މަތީގައިވާ ކެޓަގަރީތަކުގެ މީހުންނަށް އެޕޮއިންޓްމަންޓް ހެދުމަށް ދަތިވާނަމަ ކަނޑައެޅިފައިވާ ގަޑުތަކުގައި ވެކްސިން ސެންޓަރަށް ޒިޔާރަތްކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ލިސްޓްކުރެވިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން ވެކްސިން ޖެހަން ދާއިރު އައި.ޑީ.ކާޑް ނުވަތަ ޕާސްޕޯރޓާއެކު ކަމާގުޅުންހުރި ލިޔެކިޔުން ނުވަތަ ލިޔެކިޔުމުގެ ފޮޓޯ ކާޑް ނުވަތަ ސޮފްޓް ކޮޕީ ގެންދަން ޖެހެއެވެ.
މާލެ ސަރަހައްދުގައި 25 އޮގަސްޓް 2021އިން ފެށިގެން ފައިޒަރ ވެކްސިން ޖަހަން ހަމަޖެހިފައިވާ ތަންތަނާއި ގަޑިތަކަކީ: މާލޭގައި، އާރޓް ގެލެރީ - ހެދުނު 9:00އިން މެންދުރު 12:00އަށް އަދި މެންދުރު 1:00އިން ހަވީރު 4.00 އަށެވެ. ހުޅުމާލޭގައި ހުޅުމާލެ ހޮސްޕިޓަލް - މެންދުރު ފަހު 1.00އިން ހަވީރު 4:00 އަށެވެ. ވިލިމާލެ ޔޫތު ސެންޓަރ - މެންދުރުފަހު 1:00އިން ހަވީރު 4:00އަށެވެ.