ކުޅިވަރު

ލީގު ޗެމްޕިއަން ބަލިކޮށް މޯލްޑިވިއަން ފައިނަލަށް






ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން
ރެކްރިއޭޝަން ކުލަބް ދަތުރުކޮށްފިއެވެ. ޤައުމީ ލީގް ޗެންޕިއަން ޕޮލިސް ކުލަބްގެ
މައްޗަށް މޯލްޑިވިއަން ރެކްރިއޭޝަން ކުލަބް ރޭ ކުރި ހޯދާފައިވަނީ ތިން ސެޓް ދެ
ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތަށް މޯލްޑިވިއަން
ރެކްރިއޭޝަން ކުލަބް ގެންދިޔައީ 25-21، 23-25، 25-21، 16-25 އަދި 15-13 އިންނެވެ. މިމެޗްގެ ފަސްވަނަ ސެޓްގައި
ޕޮލިސް ކުލަބްގެ ދެ ކުޅުންތެރިއަކަށްވަނީ ރަތް ކާޑްދައްކާފައެވެ. އަދި ޕޮލިސް ކުލަބުންވަނީ
ފަސްވަނަ ސެޓްގައި ރެފްރީންގެ ނިންމުންތަކާމެދު ވަރަށް ބޮޑަށް ނުރުހުން
ފާޅުކޮށްފައެވެ.



މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ
މޯލްޑިވިއަން ރެކްރިއޭޝަން ކުލަބްގެ އިސްމާޢީލް ސާޖިދުއެވެ. މެޗަށްފަހު މޯލްޑިވިއަން
ޓީމްގެ އޮފިޝަލެއްކަމަށްވާ އަހުމަދު އާސިފްބުނީ މެޗަށް ނިކުތީވެސް ފައިނަލަށް ދިއުމުގެ
އުއްމީދުގައިކަމަށެވެ. ގައުމީ މުބާރާތުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލަށް
ދިއުމުން އެހެން ކުލަބްތަކަށް ވުރެ ގިނަ ވަގުތު އަރާމު ކުރަން ލިބި، އިތުރު
އެޑްވާންޓޭޖްތަކެއް ލިބޭނެކަމަށްވެސް އާސިފްބުންޏެވެ. އަދި ރޭގެ މެޗުން މޮޅުވެވުނީ
ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތުންކަމަށްވެސް އާސިފްބުންޏެވެ.

މިމެޗުން ޕޮލިސް ކުލަބް ބަލިވި ނަމަވެސް އެޓީމަށް
ފައިނަލަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ
ފައިނަލް މެޗް ކާމިޔާބުކޮށްގެން ޕޮލިސް ކުލަބަށްވެސް ފައިނަލް ދިއުމުގެ
ފުރުސަތުވަނީ ހުޅުވިފައެވެ. އަދި ސެމީގައި ޕޮލިސް ކުލަބާ ވާދަކުރާ ދިވެދި ސިފައިންގެ
ކުލަބަށްވެސް ސެމީ ފައިނަލް މެޗް ކާމިޔާބުކޮށްގެން ފައިނަލަށް ދިއުމުގެ
ފުރުސަތުވަނީ ހުޅުވިފައެވެ. ޕޮލިސް ކުލަބާ ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރާ ސެމީ
ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އަށްގަޑި ތިރީހުގައެވެ.