ޚަބަރު

ބެންކުގެ ސެކިއުރިޓީ ބެލެހެއްޓުން އެސް.ސީ ފުލުހުންނަށް


ބޭންކް އޮފް މޯލްޑިވްސްގެ ހެޑް
އޮފީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންނާ
ހަވާލުކޮށްފިއެވެ.





މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން
މައުލޫމާތު ދެއްވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގެ ބައެއް
ފަންގިފިލާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ އެފަންގިފިލާތަކުން ޚިދުމަތް
ލިބިގަންނަން ވަޑައިގަންނަވާ ބޭފުޅުންނަށް އެހީތެރިވެދިނުމުގެ މަސައްކަތް ސްޕެޝަލް
ކޮންސްޓެބެލެރީ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ. ސްޕެޝަލް ކޮންސްޓެބެލަރީ
ފުލުހުން ރަސްމީ ގޮތުން މިމަސައްކަތާ އިއްޔެ ހަވާލުވެފައިވާއިރު، ފުލުހުން
މިތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޙަވާލުވެފައިމިވަނީ ކޮންޓްރެކްޓް
އުޞޫލުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.





ބޭންކް އޮފް މޯލްޑިވްސްގެ ހެޑް
އޮފީހުގެ ބައެއް ފަންގިފިލާތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އެސްސީ ފުލުހުން
ޙަވާލުވެފައިވާއިރު ބެންކުން އެކިތަންތަނަށް ފައިސާ ގެންދަން ކުރާ ދަތުރުތަކުގެ
ސަލާމަތީ ކަންކަންވެސް ފުލުހުން ގެންދަނީ ބަލަހައްޓަމުންނެވެ.



ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުން އުފެދުމާއެކު އިންދިރާ ގާނދީ މެމޯރިއަލް
ހޮސްޕިޓަލާ ހުޅުމާލޭ ހޮސްޕިޓަލާ ތިލަފުށީ ކޯޕަރޭޝަންގެ އިތުރުން ޒުވާނުންގެ
މަރުކަޒުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައިވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.





މިތަންތަނުގައި އެސްސީ ފުލުހުން
ސަލާމަތީ ކަންކަން ބަލަހައްޓަން ފެށިފަހުން އެތަންތަނުގައި ހިނގާ ޖިނާޢީ ކުށްތައް
މަދުވެ، ރައްޔިތުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮންނަކަން
ފާހަގަކުރެވޭކަމަށް ޕޮލިހުން މައުލޫމާތުދެއެވެ. އަދި ވަކިން ޚާއްޞަކޮށް
އައި.ޖީ.އެމް ހޮސްޕިޓަލުން ކުރަމުންދާ ވައްކަމުގެ މައްސަލަތައް ހުއްޓުމަކަށް ގެނެވުނުކަން
ފާހަގަ ކުރަން ޖެހޭކަމަށް ޕޮލިހުން މައުލޫމާތުދެއެވެ.