އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް ވެސްޓް ހޭމް އަރައިފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު އެއް ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާ އުފައްދާފައި ވަނީ ވެސްޓް ހޭމްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހައިފައިވަނީ ވެސްޓް ހޭމްގެ ޕަބްލޯ ފޮނާލްސްއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލެސްޓަރގެ ކުރިއަށް ކުޅޭ އަޔޯޒޭ ޕެރޭޒް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މިމެޗްގައި ވެސްޓް ހޭމްގެ ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހައިދިނީ ސައިދު ބެންރަހްމާއެވެ. ނަމަވެސް ލެސްޓަރގެ ޔުރީ ޓިއެލަމަންސް ވަނީ މެޗްގެ 69 ވަނަ މިނެޓްގައި ލަނޑެއް ޖަހައި އެޓީމަށް ކޮންމެވެސް ވަރެއްގެ އުންމީދެއް އާކޮށްދީފައެވެ. މިމެޗްގައި ވެސްޓް ހޭމްގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗްގެ 80 ވަނަ މިނެޓްގައި މިކައިލް އެންޓޯނިއޯއެވެ. މި ލަނޑާއެކު އެނާ ވެފައިވަނީ ވެސްޓް ހޭމްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މިއީ އޭނާ ވެސްޓް ހޭމަށް ކާމިޔާބުކޮށްދިން 48 ވަނަ ލަނޑެވެ. މިރީކޯޑް މީގެކުރިން އޮންނަނީ ޕައިލޯ ޑި ކާނިއޯ އަތުގައެވެ. މީގެއިތުރުން އެންޓޯނިއޯ ވަނީ މިމެޗްގައި އެޓީމްގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދީފައެވެ.
މިކާމިޔާބީއާއެކު ވެސްޓް ހޭމްވަނީ ލީގުގައި ކޮންމެ ޓީމެއް ދެމެޗް ކުޅެނިމުނުއިރު 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ލެސްޓަރ މިހާރު ވަނީ 12 ވަނައަށް ފަހަތަށް ވެއްޓިފައެވެ.