ޚަބަރު

ޗެންނާއީގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު


ޗެންނާއީގައި މިވަގުތު ތިބިކަމަށް ފޮރިން
މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ހުރިހާ ދިވެހިންނަށް ގުޅިފައިވާ ކަމަށާއި، ހުރިހާ
އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

ޕަބްލިކް ސަރވިސް މީޑިއާއަށް މައުލޫމާތުދެއްވަމުން ޓްރިވެންޑްރަމްގައި ހުންނަ
ދިވެހިރާއްޖޭގެ ކޮންސުލޭޓްގެ ކޮންސުލް އަލީ އާދަމް ވިދާޅުވީ ޗެންނާއީގައި 62
ދިވެހިން ތިބިކަމަށް ފޮރިން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާއިރު އެންމެންގެ
މައުލޫމާތު މިހާރު ލިބިފައިވާކަމަށެވެ. 

އިންޑިއާގެ ޓެމިލްނާޑު ސްޓޭޓްގެ ޗެންނާއީއަށް
ވޭތުވެދިޔަ ހަފްތާގައި ކުރި ވިއްސާރައާ ގުޅިގެން ގިނަ ބަޔަކު ޙާލުގައި ޖެހުމާއެކު،
އެސްޓޭޓްގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް
ފޮރިން މިނިސްޓްރީން ވަނީ ފައްޓަވާފައެވެ.

އެގޮތުން އިންޑިއާގެ އެހެން
ސަރަޙައްދުތަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފޮރިން މިނިސްްޓްރީން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި މިހާތަނަށް އެހެން ސަރަޙައްދުތަކަށް ބަދަލުވާން ބޭނުންވި
9 މީހަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައި ވާކަމަށް އަލީ އާދަމް ވިދާޅުވިއެވެ. 



އެހީތެރިކަން ބޭނުންވެގެން
އެދިފައިވާ ހުރިހާ ފަރާތްތަކަށް ފޮރިން މިނިސްޓްރީން އެހީތެރިކަން
ފޯރުކޮށްދެއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވާއެވެ.