ޚަބަރު

ބަދަލުތަކާއެކު މާބައިދޫ ބަނދަރު ގަދަވުމުގެ މައްސަލައަށް ޙައްލެއް


ޢުމްރާނީ ތަރައްޤީގެ މަޝްރުޢޫތައް ހިންގުމުގެކުރިން ހަދަންޖެހޭ ތިމާވެށީގެ ދިރާސާތައް އެކަށީގެންވާގޮތުގައި ކުރިއަށްނުގެންދިއުމުގެ ސަބަބުން މަޝްރޫޢުތަކުގެ އެންމެ އެކަށޭނަ ފައިދާ ރައްޔިތުންނަކަށް ނުލިބެއެވެ.

ލ.މާބައުދޫގެ ބަނދަރުގެ މަސައްކަތް 2018ވަނަ އަހަރު ނިމުނުނަމަވެސް، މި ސަބަބަށްޓަކައި ބަނދަރުގެ އެންމެއެދެވޭ ބޭނުން ރަށުގެ އޮޑިވެރިންނަށް ލިބެމުން އައިސްފައެއް ނުވެއެވެ. ބަނދަރުގެ ނެރު ކަނޑާފަވާ ސަރަޙައްދުގެ ސަބަބުން ގަދަވާދުވަސްވަރު ބަދަރުގެ އެތެރެއަށް ބާނިތައްވަދެ އުޅަނދުތައް އަޅާފައި ބޭއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. އަދި ގަދަ ދުވަސްވަރު އުޅަނދުތަކުގައި ބަނދަރަށް ވަދެ ނުކުމެ ހެދުމާއި އަރައި ފޭބުންވެސް އޮތީ ނުރައްކަލަކަށްވެފައެވެ.

މިމައްސަލައަށް ޙައްލު ހޯދުމަށް، އެމްޓީސީސީއާ ޙަވާލުކޮށްގެން ރަށުގެ ބަނދަރުގައިހުރި މައްސަލަތައް ޙައްލުކުރުމަށްވަނީ މަޝްރޫޢެއް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުގައިވަނީ ބަނދަރުގެ ނެރު އެހެން ދިމާލަކަށް ބަދަލުކޮށް މައްސަލަ ޙައްލުކޮށްދީފައެވެ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިޝާމް ވިދާޅުވީ ރަށަކީ މަސްވެރިކަން ކުރާ ރަށަކަށް ވުމާއެކު ކުރިން ބޮޑެތި ދަތިތައް ހުރިކަމަށެވެ. ނަމަވެސް ބަނދަރަށް ގެނައި ބަދަލުތަކާއެކު ގަދަވާ ދުވަސްވަރުވެސް އުޅަނދުތަކުގެ ރައްކާތެރިކަން މިހާރު ކަށަވަރުކުރެވޭކަމަށެވެ.

"ކުރިން ބޮޑެތި ރާޅުތައް ބަނދަރުތެރެއަށް ވަދެ ވަރަށްގަދަވޭ. ނެރު ބަދަލުކުރީ އުޅަނދުތަކަށް މިހާރު އެބަ ރައްކަތެރިކަން ލިބޭ. އޮޑިވެރިންނަށް އުޅަނދުތަކުގެ ރައްކާތެރިކަމުގެ ޔަގީންކަން ލިބޭ. ނަމަވެސް ބަދަލުތަކާއެކު ބަނދަރުގެ މައްސަލަ ޙައްލުވެއްޖެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ލ.މާބައިދޫ ބަނދަރުގައި އެމްޓީސީސީން ކުރިއަށްގެންދިޔަ މަސައްކަތްތައް ބައްލަވާލައްވައި ކައުންސިލާއެކު މަޝްވަރާ ކުރައްވާފައެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން އަބަދުވެސް މަސައްކަތްކުރަނީ، ރައްޔިތުން ބެނުންވާފަދަ ބަދަލުތަކާއެކު މަޝްރޫޢުތަށް ހިންގުމަށްކަމަށެވެ. މާބައިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދިޔައީ ޒަމާނީ ބަދަލުތަކާއެކުވެ. އެގޮތުން ބަނދަރު ބޭރު ތޮށި ވަނީ، މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ ތަނެއްގެ ގޮތުގަ ތަރައްޤީކޮށްފައެވެ.

"މިހާރު މިއޮތީ ނެރު އެހެން ސަރަޙައްދަކަށް ބަދަލުކޮށް، ފައިކަށިވެސް ދިގުކޮށްފައި. ރިވެޓްމަންޓްޖަހައި، އެއްގަމު ތޮއްޓާއި ބޭރު ތޮށި ގުޅާލަން ބްރިޖެއްވެސް ހަދާފައި." އާޒިމް ވިދާޅުވިއެވެ.

ލ.މާބައިދޫއަކީ އާބާދީގައި 1100އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ. ރަށުގަ އާބާދީގެ ބޮޑު ބައެއް ޢާމްދަނީ ހޯދަނީ މަސްވެރިކަމުގެ މަސައްކަތުންނެވެ. ބަދަރަށް ގެނައި ބަދަލާއެކު މަވެރިންގެ މަސައްކަތަށްވެސް އިތުރު ރައްކާތެރިކަން ލިބި، ރަށަށް އަރާފޭބުމުގަވެސް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެފަވާކަން ކައުންސިލުން ފާހަގަކުރެއެވެ.