ޚަބަރު

ކަޅުއޮށްފުންމީގެ ހަނދާނީ ބިނާއެއް އުތީމުގައި ހަދަނީ


ޕޯޗުގީޒުންގެ
އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންކުރެއްވި އުތީމު ތިންބެއިން ބޭނުންކުރެއްވި
ކަޅުއޮށްފުންމީގެ ހަނދާނީ ބިނާއެއް އުތީމަށް ހަދިޔާކުރެއްވުމަށް ސަރުކާރުން
ހަމަޖައްސަވައިފިއެވެ. 

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޤައުމީ ދިފާޢީ ބާރުން
ހަދިޔާކުރައްވާ މި ބިނާ ބެހެއްޓެވުމަށް ހަމަޖެހިފައިވަނީ އުތީމު ބަނދަރުގައި ހައްދަވާ
ޕާކުގައެވެ. މި ބިނާ ހަދިޔާކުރެއްވުމުގެ ތައްޔާރުތައް ކުރައްވަމުން އެބަގެންދަވައެވެ.



އާބާދީގައި މިހާރު ނުވަސަތޭކަ އަށްވުރެ ގިނަ މީހުން ދިރިއުޅޭ އުތީމަކީ އުތީމަކީ، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ ޢާއިލާގެ
އުފަން އަދި އެތަކުރުފާނު ބޮޑުފުޅުވި ރަށެވެ. އެތަކުރުފާނުގެ މަތިވެރި
ތަރުބިއްޔަތާއި ވަރުގަދަ ޢަޒުމްގެ ބިންނާ އެޅިގެން ދިޔައީ ޤަދަރުލިބިގެންވާ
އުތީމުގައެވެ.



މިއަހަރުގެ ޤައުމީ
ދުވަސް ފާހަގަކުރެއްވުމަށް ތައްޔާރުވަމުން އަންނައިރު، ރަށުގެ ބަނދަރު ސަރަޙައްދުގައި ޕާކެއް ހެއްދެވުމުގެ
މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދަވައެވެ. ބަނދަރު ސަރަޙައްދުގައި ހައްދަވާ
ޕާކްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ
ދަށުން ރާއްޖެ މިނިވަންކުރެއްވި އުތީމު ތިންބެއިން ބޭނުންކުރެއްވި
ކަޅުއޮށްފުންމީގެ ހަނދާނީ ބިނާއެއް އުތީމަށް ހަދިޔާކުރެއްވުމުގެ އެންމެ ފަހުގެ
މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިވަޑައިގެން އެމްއެންޑީއެފުން ކުރިއަށް
ގެންދަވާކަމެވެ.  



މި ބިނާ ބެހެއްޓެވުމަށް
ހަމަޖެހިފައިވަނީ އެރަށުގެ މޫނުމަތީގައި އަލަށް މިހަދާ ޕާކު ތެރޭގައެވެ.



ކަޅުއޮށްފުންމީގެ
ހަނދާނީ ބިނާ ތައްޔާރުކުރެއްވުމުގެ ބޭނުމަކީ ޤައުމީ ޖިހާދަކީ ކޮންމެ މީހަކަށް ވެސް
ކުރެވިދާނެ ކަމެއްކަން މިހާރުގެ ޒުވާނުންނަށް އަންގައިދެއްވުމެވެ. ސިމެންތި ބޭނުންކުރައްވައިގެން
ތައްޔާރުކުރައްވާފައިވާ މި ހަނދާނީބިނާ ނިމޭއިރު ފެނިގެންދާނީ ލަކުޑި
ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދޯންޏެއްގެ ސިފައިގައެވެ.



އުތީމް ކައުންސިލްގެ
ރައީސް އަސްރާރު އާދަމް ވިދާޅުވީ ، ޤައުމީ ދުވަސް ކުލަގަދަ ގޮތެއްގައި މިއަހަރު
އުތީމުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމެވުމާއެކު، ރަށް
ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ރަށުގެ އަންހެނުންނާއި ފިރިހެނުން އަދި
ޒުވާނުން ޤައުމީ ރޫޙުގައި ވަރަށް ބާރަށް ކުރިއަށް ގެންދާކަމަށެވެ. އަދި ހައެއްކަ
ދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އަސްރާރު ވިދާޅުވިއެވެ.



" ގާތްގަނޑަކަށް ފަސް ދުވަހުގެ ތެރޭގައި ޕާކުގެ މަސައްކަތް ނިންމާލެވޭ.އަންހެންވެރިން ވިނަ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.އިޖުތިމާޢީ ރޫޙު ވަރަށް ބޮޑަށް ރަށުގައި ފެނިގެން އެބަދޭ" އަސްރާރު ވިދާޅުވިއެވެ



ޤައުމީ ދުވަހު
އުތީމުގައި އެމްއެންޑީއެފުގެ ފަރާތުން ސައިލެންޓް ޑްރިލްއެއް ބޭއްވެވުމަށް ވަނީ
ހަމަޖެހިފައެވެ.



އަންނަ އާދީއްތަ
ދުވަހު ޤައުމީ ދުވަސް ފާހަގަކުރައްވާއިރު ހިނގާނެ އެންމެ ޚާއްޞަ އެއްކަމަކީ، ކަޅުއޮށްފުންމީގެ ނަމޫނާއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި
ލަކުޑިން ބަނދެ މިހާރު ބާލާފައިވާ ކަޅުއޮށްފުންމި އުތީމަށް ގެންދެވުމެވެ.