ކުޅިވަރު

ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްވަލުކުރިމެޗް އެއްވަރު ވެގެން ނިމިންޖެއެވެ. ލެވަންޓޭގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ޖަހައިދިނީ ގެރެތު ބޭލްއެވެ. މިއީ 2019 ވަނަ އަހަރަށްފަހު ލަލީގާގައި ބޭލް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިލަނޑާއި އެކު މިމެޗުން ރެއާލް ފަސޭހަ ކަމާއެކު މޮޅުވާނެކަމަށް ހީވި ނަމަވެސް ލެވަންޓޭއިން ވަނީ ދެވަނަ ހާފްގައި އެޓީމްގެ ކުޅުން ރަނގަޅުކޮށްފައެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ 28 ސިކުންތުގެ ތެރޭގައި ލެވަންޓޭގެ ރޮޖަރ މާޓީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި މެޗްގެ 57 ވަނަ މިނެޓްގައި ހޯސޭ ކަމްޕާނާ ޖަހައިދިން ލަނޑާއެކު މިމެޗްގައި ލެވަންޓޭއިން ލިޑު ނެގިއެވެ. މިމެޗްގައި ރެއާލްގެ ދެވަނަ ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 73 ވަނަ މިނެޓްގައި ވިނީޝިއަސް ޖޫނިއަރ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓްފަހުން ލެވަންޓޭގެ ރޮބަރ ޕިއަރވަނީ އަނެއްކާ ލެވަންޓޭއަށް މިމެޗްގައި ލީޑު ނަގައިދީފައެވެ. މިމެޗްގައި ރެއާލްގެ ތިންވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ވިނީޝިއަސް ޖޫނިއަރއެވެ.

މިމެޗް ނިމެން ތިން މިނެޓަށް ވެފައިވަނީކޮށް ލެވަންޓޭގެ ކީޕަރ އައިޓޯ ފެނާންޑޭޒް ބޯޅައެއް ދިފާއުކުރުމަށް ޕެނަލްޓީ އޭރިއާއިން ބޭރަށް ނިކުމެ ރެއާލްގެ ރޮޑްރިގޯ ދިޔަނުދީ ހިފެހެއްޓުމުގެ ސަބަބުން ރެފްރީވަނީ އޭނާއަށް ރަތްކާޑު ދައްކާ ފައެވެ. އަދި ނަތީޖާއެއްގެ ގޮތުން ލެވަންޓޭއިން މެޗްގެ ފަހު މިނެޓްކޮޅު ކުޅުނީ ޑިފެންޑަރ ރުބެން ވޭޒޯ ކީޕަރަކަށް ލައިގެންނެވެ. ނަމަވެސް ރެއާލްއަށް އޭގެފަހުން އިތުރު ހަމަލާއެއް އުފެއްދޭގޮތެއް ނުވިއެވެ.


މިމެޗް އެއްވަރުވުމުން ރެއާލް މިހާރު އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ލެވަންޓޭ އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ 2 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.