ކުޅިވަރު

ޓޮޓްނަމް އާއި ވުލްވްސް ބައްދަލުކުރިމެޗް ޓޮޓްނަމް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ވުލްވަރހެމްޓަން ވޮންޑަރސް ބައްދަލުކުރިމެޗް ޓޮޓްނަމް ކާމިޔާބުކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ޓޮޓްނަމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވުލްވްސްއެވެ. އަދި މިއީ ވޭތިވެދިޔަ ހަތަރު ސީޒަންގައި ވުލްވްސްއަށް ކޯޗު ކޮށްދިން ނޫނޯ އެސްޕަރިޓޯ ސަންޓޯ ޓޮޓްނަމްގެ ކޯޗް ކަމާއި މިސީޒަންގައި ހަވާލުވިފަހުން ވުލްވްސްގެ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. މިމެޗްގައި ޓޮޓްނަމްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޑެލޭ އަލީއެވެ. މިއީ ވުލްވްސްގެ ޕެނަލްޓި އޭރިއާ ތެރެއިން އެޓީމުގެ ކީޕަރ ޖޯސޭ ސާ އަލީއަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ.

މިމެޗްގައި ވުލްވްސްއިން ޓޮޓްނަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މިމެޗް ވެގެންދިޔައީ ޓޮޓްނަމްގެ ހުނަރުވެރި ފޯވަޑް ހެރީ ކޭން ވަނީ ޗުއްޓީއިން އެނބުރި އައިސް ފުރަތަމަ ފަހަރަށް ޓޮޓްނަމްއަށް ކުޅެފައެވެ. ކޭންގެ ކުރިމަގާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް މިމެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އޭނާވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި ނުރައްކާތއރި ހަމަލާއެއްވެސް އޭނާވަނީ އުފައްދާފައެވެ.

މިކާމިޔާބީއާއެކު ލިބިފައިވާ 6 ޕޮއިންޓާއެކު ޓޮޓްނަމް އުޅެނީ ޕޮއިންޓް ތާވަލްގެ 4 ވަނައިގައެވެ. އަދި ވުލްވްސް މިމެޗުން ބަލިވުމާއެކު މިހާތަނަށް ޕޮއިންޓެއް ނުލިބި އުޅެނީ ތާވަލްގެ 16 ވަނައަށް ވެއްޓިފައެވެ.