ކުޅިވަރު

ސައުތެމްޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ސައުތެމްޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑްއެވެ. މިމެޗްގެ ކުރީކޮޅު ޔުނައިޓެޑުއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސައުތެމްޓަންއިން ވަނީ މާގިނައިރު ތަކެއް ނުވެ އެޓީމްގެ ކުޅުން ރަނގަޅުކޮށް ލިބޭ ފުރުސަތުތަކުގައި ޔުނައިޓެޑަށް ނުރައްކާކޮށްފައެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ 30 ވަނަ މިނެތްގައި ސައުތެމްޓަންއިން ލަނޑެއް ޖަހާ މިމެޗްގައި ލިޑު ނެގިއެވެ. މިލަނޑަކީ ސައުތެމްޓަންގެ ޝޭ އެދަމްސް ގޯލަށް ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ފައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގައި ޔުނައިޓެޑުން އެޓީމްގެ ލަނޑު ޖަހާ އެއްވަރު ކުރީ މެޗްގެ 55 ވަނަ މިނެޓްގައި މޭސަން ގްރީންވުޑް ޖަހައިދިން ލަނޑުންނެވެ. މިލަނޑައެކު ޔުނައިޓެޑުން ހަމަލާއަށް އިސްކަން ދީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މިމެޗްގައި ދެންވެސް އުންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ސައުތެމްޓަންއިންނެވެ. މިގޮތުން އެޑަމް އާރމްސްޓްރޯން ފޮނުވާލި ހަމަލާ ވަނީ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއަރ ދިފާއުކޮށްފައެވެ. މިމެޗްގައި ސީޒަންގެ ފުރަތަމަ މެޗްގައި ލިދްސް އާއި ދެކޮޅަށް ކުޅުނު ކުޅުމާއި ގާތްކުރާ ކުޅުމެއްވެސް ޔުނައިޓެޑްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.

މިމެޗުން އެއްވަރު ވުމުން ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ޓީމްތަކާއި އަރާ ހަމަކުރުމަށް ޔުނައިޓެޑަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އަދި މިވަގުތު އޮތީ ކުޅުނު ދެމެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗް އެއްވަރުވުން ވެގެން ގޮސްފައިވަނީ މިފަހަރުގެ މުބާރާތުގައި ސައުތެމްޓަންއަށް ލިބިގެންދިޔަ ފުރަތަމަ ޕޮއިންޓަށެވެ. އަދި މިވަގުތު އޮތީ ތާވަލްގެ 13 ވަނައިގައެވެ.