ކުޅިވަރު

އާސެނަލް ބަލިކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް ޗެލްސީ އަރައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް ޗެލްސީ އަރައިފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. އަދި އެޓީމުން ވަނީ މިމެޗްގައި ކޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ މިސީޒަންގައި ޗެލްސީއަށް ބޮޑު އަގުގައި ގެނައި ބެލްޖިއަމްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ރޮމެލޫ ލުކާކޫއެވެ. މިއީ މިފަހަރު ޗެލްސީއަށް ސޮއި ކުރުމަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މީގެއިތުރުންވެސް މިމެޗްގައި ލުކާކޫއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. މިމެޗްގައި ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖެހުމުގައި ލުކާކޫއަށް އެހީތެރިވެދިން ރީސް ޖޭމްސްއެވެ. މިމެޗްގައި އާސެނަލްއިން ރަނގަޅަށް ފެށި ނަމަވެސް މާގިނައިރު ތަކެއް ނުވެ ޗެލްސީވަނީ މިމެޗްގެ ކޮންޓްރޯލް އަތުލާފައެވެ. މިއީ އާސެނަލްގެ 117 އަހަރުވީ ދިގު ތާރީހްގައި ސީޒަނެއްގެ ފުރަތަމަ ދެމެޗުން ލަނޑެއް ކާމިޔާބު ނުކުރެވި ބަލިވި ފުރަތަމަ ފަހަރެވެ.

މިކާމިޔާބީއާއެކު ޗެލްސީއިންވަނީ މިސީޒަންގައި ކުޅުނު ފުރަތަމަ ދެމެޗުން މޮޅުވެ ޖަހާފައިވާ ލަނޑަށް ބަލާއިރު ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި މިސީޒަންގައި ލީގު ކާމިޔާބު ކުރާނެކަމަށް މިހާރު އެންމެ ގިނަބަޔަކު ގަބޫލްކުރާ އެއް ޓީމަކީވެސް ޗެލްސީކަމަށް ވަނީ ވެގެން ގޮސްފައެވެ. ލީގުގައި ދެން ކުޅޭ މެޗަކީ މިހާތަނަށް ޗެލްސީއަށް ކުރިމަތިވާނެ އެންމެ އުނދަގޫ އެއް މެޗަށް ވާނެއެވެ. އެއީ ރަށުން ބޭރުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗެވެ. ލިވަޕޫލް ވެސް ވަނީ ފުރަތަމަ ދެމެޗް ކާމިޔާބުކޮށް 6 ޕޮއިންޓު ހޯދާފައެވެ.