ކުޅިވަރު

ގައުމީ ބާސްކެޓް ޓީމު އިލްޔާސްއާއި ހަވާލުކޮށްފި


ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފިއެވެ. އިލްޔާސްއާއެކު ގައުމީ ބާސްކެޓް ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ވެސް ހަމަޖައްސާފައިވަނީ ހުސް ދިވެހިންނެވެ. ތަޖްރިބާކާރު ކޯޗް އިލްޔާސާއެކު މަސައްކަތް ކުރުމަށް 3 އެސިސްޓެންޓް ކޯޗުންވަނީ ހަމަޖައްސާފައެވެ. އެއީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލް އާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީ އަދި މުޙައްމަދު ނަސީރުއެވެ. މިއީ މިހާތަނަށް ގައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.

މިޓީމާއި ބެހޭގޮތުން ވާހަކަދައްކަމުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އަޙްމަދު އާދަމް ވިދާޅުވީ މިއީ ވަރަށް އުއްމީދީ ޓީމެއްކަމަށާއި މި ޓީމާއި ދޭތެރޭގައި ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ޚާއްސަކޮށް މިވަގުތު ޓީމުގެ ކޯޗުން ސްޓާފުންގެ ގޮތުގައި ތިބި ހެޑް ކޯޗު އަދި އެސިސްޓެންޓް ކޯޗުންނަކީވެސް ރާއްޖޭގެ ބާސްކެޓްގެ އިތުރުން ބައިނަލަގްވާމީ ބާސްކެޓްގައި ވަރަށް ގިނަ ކަންކަމާއި ކުރިމަތިލާފައިވާ ކޯޗުންތަކަކަށް ވާއިރު، ރާއްޖޭގެ ގައުމީ ޓީމްގެ ހުރިހާ ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭނެ ޓީމަކީވެސް މިވަގުތު ގައުމީ ޓީމުގައި ތިބި ކޯޗުންކަމަށް އަޙްމަދު އާދަމް ވިދާޅުވިއެވެ. ރައީސް އަހުމަދު އާދަމްބުނީ ގައުމީ ޓީމަށް ހުސް ދިވެހި ކޯޗުން ހަމަޖެއްސުމަކީ ކުރިންވެސް ދެކެމުން އައި ހުވަފެނެއްކަމަށާއި މިފަހަރު އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޚާބް ވުމަށްފަހު އެންމެ ބޮޑަށް ކުރަން ބޭނުންވިއެއްކަމަކީވެސް މިއީކަމަށް އާދަމް ވިދާޅުވިއެވެ.

ގައުމީ ބާސްކެޓް ޓީމަށް ތިން އެސިސްޓެންޓް ކޯޗުން ހަމަޖައްސާފައިވާއިރު، އާންމު ގޮތެއްގައި ޓީމްތަކުގައި އެސިސްޓަންޓް ކޯޗުނަށް ތިބެނީ ދެ އެސިސްޓަންޓް ކޯޗުންނެވެ. 3 އެސިސްޓަންޓް ކޯޗުން ހަމަޖެއްސީ ވީހާވެސް ގިނަ ކޯޗުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށާއި ގައުމީ ޓީމުގެ ހެޑް ކޯޗް އިލްޔާސްއަކީ މިހާރު ވަރަށް ތަޖްރިބާކާރު ކޯޗަކަށްވާއިރު، އިލްޔާސްގެ ފަރާތުން މި 3 ކޯޗުންނަށް ވެސް ގިނަ އެއްޗެހިތަކެއް ދަސްވާނެކަމަށް ގަބޫލް ކުރާކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އަޙްމަދު އާދަމް ވިދާޅުވިއެވެ. އަދި ކޯޗުކޮށްދިނުން އިލްޔާސް ހުއްޓާލާއިރު، އޭނާގެ ފަހަތުން އިތުރު މޮޅު ކޯޗުންތަކެއް އުފެދިގެދާނެކަމަށް ގަބޫލް ކުރާކަމަށް ވެސް އަހުމަދު އާދަމް ވިދާޅުވިއެވެ. ގައުމީ ޓީމް އެކުލަވާލުމުގެ މަސައްކަތް މިކޯޗުންނާއެކު ވަރަށް އަވަހަށް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަހުމަދު އާދަމް ވިދާޅުވިއެވެ. ގައުމީ ޓީމް އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވާ ސާބާ މުބާރަތުގައިއެވެ. ބަންގްލަދޭޝްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރު މަހުގެ 21ގައެވެ. ގައުމީ ޓީމަށް އެންމެ ފަހު ކޯޗްކޮށްދީފައި ވަނީ އެމެރިކާގެ ކޯޗު ކޯރޭ އެލެކްސެންޑާއެވެ.

ގައުމީ ފުޓްބޯޅަ ޓީމަށާއި ގައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ކުޅުނު އިއްލެ އަކީ ދެ ކުޅިވަރުގައިވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަހަރުތަކުގައި އިއްލެގެ ހިއްސާ އޮތެވެ. ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާގެ ޓީމާ ދެކޮޅަށް 2004 ގައި ރާއްޖެ ކުޅެ ލަނޑެއް ނުޖެހި އެއްވަރު ކުރި މެޗުގައި ދިވެހި ޓީމުގެ ސެންޓަ ފޯވަޑަކީ އިއްލެއެވެ. ޖެހިގެން އައި އަހަރު ރާއްޖޭގެ ކްލަބު ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމުގައިވާ، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓު ދަތުރު ކުރިއިރު އެ ޓީމުގައިވެސް އިއްލެ ހިއްސާވިއެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ބާސްކެޓްބޯޅަ އަށް މުޅިން އިލްޔާސް ހުސްވީ 2007 ގައެވެ. ބާސްކެޓްގައި ވިކްޓްރީން ހޯދި ކާމިޔާބުތަކުގައި ޓީމުގެ ލީޑަރަކީ އޭނާއެވެ. އިލްޔާސް ވަނީ ގައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ގައުމީ ބާސްކެޓް ޓީމުގައި އެޓީމް ހޯދި ގިނަ ކާމިޔާބީތަކުގައި އިއްލެގެ ހިއްސާ ވަރަށް ބޮޑެވެ.