ޚަބަރު

ފުރަބަންދުކުރުން ހުއްޓާލާނީ %70 މީހުން ވެކްސިން ޖެހުމުން: މޮރިސަން


އޮސްޓުރޭލިޔާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދެވޭނީ އާބާދީގެ 70 އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރުމުންކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓުވަނީ ވަރަށް ބޮޑަށް އޮސްޓުރޭލިޔާގައި ފެތުރެން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްއާއި ވިކްޓޯރިޔާ ސުޓޭޓާއި ވެރިރަށް ކެންބެރާގައި ފުރަބަންދުގެ އުޞޫލުތައްވަނީ އިޢުލާންކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އޮސްޓުރޭލިޔާގެ އަސްކަރިއްޔާވަނީ ޙަރަކާތްތެރިވާން ފަށައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޮސްޓުރޭލިޔާގެ އާބާދީގެ 60 އިންސައްތަ މީހުން ފުރަބަންދުކޮށްފައިވަނިކޮށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 914 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 43،000އަށްވުރެ އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި 975އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އޮސްޓުރޭލިޔާގެ ބޮޑުވަޒީރު މޮރިސަން ވިދާޅުވީ ފުރަބަންދުގެ ޙާލަތުގައި އަބަދު ދިރިނޫޅެވޭނެކަމަށާއި ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. އަދި ކޯވިޑް-19އާއެކު ދިރިއުޅެން ޖެހޭކަމަށާއި އިތުރު ލުއިތަކެއް ދެވޭނީ އާބާދީގެ 70 އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރުމުންކަމަށް މޮރިސަން ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާޞިލްވުމަށް މަސައްކަތްކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޔު ސައުތު ވޭލްސްގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވެފައިވާ 940 މީހުން ޖޫރިމަނާކޮށްފައިވާކަމަށެވެ. އޭގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ދެކޮޅަށް އޮސްޓުރޭލިޔާގެ އެކި ސަރަޙައްދުގައި އެތައް ސަތޭކަ މީހުންވަނީ މުޒާހަރާވެސްކޮށްފައެވެ. ދިގުދެމިގެންދާ ފުރަބަންދުގެ އުޞޫލުތަކެއް އޮސްޓުރޭލިޔާގައި އިޢުލާންކުރަން މަޖުބޫރުވުމުން އެ ޤައުމުގެ އިޤްތިޞާދަށްވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ 16 އަހަރުން މަތީގެ އާބާދީގެ 30 އިންސައްތަ މީހުންނެވެ.