ދުނިޔޭގެ ވިޔަފާރި

އަފްޣާނިސްޠާނުގެ އިޤްޠިޞާދު ވަރަށް ބޮޑަށް ހީނަރުވެދާނެ


ޠާލިބާނުން އަފްޣާނިސްޠާނުގެ ކޮންޓްރޯލް ނެގުމާއި ގުޅިގެން އެ ޤައުމުގެ އިޤްޠިޞާދު މިއަހަރު 20 އިންސައްތައަށް ހީނަރުވެދާނެކަމަށް އެމެރިކާގެ ކްރެޑިޓް ރޭޓިންގ އޭޖެންސީ، ފިޗް ސޮލިއުޝަނުން ބުނެފިއެވެ.

އެމެރިކާގެ ކްރެޑިޓް ރޭޓިންގ އޭޖެންސީ، ފިޗް ސޮލިއުޝަނުން ބުނާގޮތުން މިހާރު ހުރިވަރަށްވުރެ އަފްޣާނިސްޠާނުގެ ފައިސާގެ އަގުވެސް ކުރިއަށް އޮތްތާނގައި ދަށްވާނެއެވެ.

އޭޝިއާ ކަންޓްރީ ރިސްކް އެޓް ފިޗް ސޮލިއުޝަންސްގެ ވެރިޔާ އަންވިތާ ބާސޫ ވިދާޅުވިގޮތުގައި އަފްޣާނިސްޠާނެކޭ އެއްޙާލަތެއްގައި އޮތް ސިރިޔާ އާއި މިޔަންމާގެ ޖިޑީޕީވެސް ވަނީ 10 ނުވަތަ 20 އިންސައްތައަށް ދަށްވެފައެވެ. އަދި ބޭރުގެ އެހީގައި އަފްޣާނިސްޠާނުގެ ޙާލަތު މަޑުމަޑުން ރަގަޅުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަފްޣާނިސްޠާނުގެ ފައިސާ ކަމަށްވާ އަފްޣާން އަފްޤާނީގެ އަގު އެމެރިކާ ޑޮލަރާއި އަޅާބަލާއިރު މިހާރުވެސް 7 އިންސައްތައަށް ދަށްވެފައިވާއިރު ފައިސާގެ އަގު މިއަށްވުރެވެސް ދަށްވާނެކަމަށް ބާސޫ ވިދާޅުވެއެވެ.

އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށްކަމަށްވާ ކާބުލް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެ ޖަމާޢަތުގެ ވެރިކަން ހިންގުމަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ