ކުޅިވަރު

ސިޓީ އާއި ނޯވިޗް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ނޯވިޗް ސިޓީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއެވެ. މިމެޗްގެ ފުރަތަމަ ސިޓީގެ ފޯވަޑް ގެބްރިއަލް ޖޭސުސް ނޯވިޗްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ދިފާއު ކުރަން ނޯވިޗްގެ ޑިފެންޑަރ ގްރާންޓް ހެންލީ މަސައްކަތް ކުރުމުގެ ތެރޭގައި ކީޕަރ ޓިކް ކުރުލް ގައިގަ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހައިދިނީ އިނގިރޭސި ރިކޯޑް ފީ އަކަށް ވަރަށް ފަހުން އެޓީމާއި ގުޅުނު ޖެކް ގްރީލިޝްއެވެ. މިއީ އޭނާ ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިމެޗްގައި ސިޓީއިން ޖެހި ތިންވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ ޑިފެންޑަރ އެމެރިކް ލަޕޯޓްއެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ރަހީމް ސްޓަރލިންގ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީވެސް ބަދަލު ކުޅުންތެރިއެއް ކަމަށްވާ ރިޔާދު މަހްރެއިޒްއެވެ.

މިމެޗްގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ކަމުގައިވީ ނަމަވެސް ތިން ލަނޑު ޖެހުމުގައި އެހީތެރިވެދިން ޖޭސުސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާއަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ މެޗަށްފަހު ތައުރީފްކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމް މިވަގުތު އުޅެނީ ތާވަލްގެ ފަސްވަނައިގައެވެ.