ކުޅިވަރު

ޕްރިމިއަރ ލީގު ޕޮއިންޓް ތާވަލްގެ އެއްވަނައަށް ލިވަޕޫލް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ބަރންލީ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗަކީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހަށްފަހު ދަނޑު ފުރެންދެން ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ ލިވަޕޫލްގެ ކޮންސްޓަންޓިނޯސް ސިމިކާސް ނަގައިދިން ހުރަހަކުން ޑިއޭގޯ ޖޮޓާއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ސާޑިއޯ މާނޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބުނެވެ. އަދި މުޙައްމަދު ސަލާވަނީ ފުރަތަމަ ހާފްގައި ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

އެންފީލްޑްގައި ބަލިނުވެ 68 މެޗް ހަމަކޮށްފައިވަނިކޮށް މިދިޔަ ސީޒަންގައި އެންމެފުރަތަމަ ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވީ ބަރންލީ އަތުން ކަމުން މިކާމިޔާބީއާއެކު އެޓީމަށް ވަނީ އިތުރު ހިތްހަމަޖެހުމެއްވެސް ލިބިފައެވެ. އަދި މީގެއިތުރުން މިކާމިޔާބީއާއެކު ލިވަޕޫލް މިވަގުތު އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.