މުނިފޫހިފިލުވުން

ކަރަންގެ ލޯބީގެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރަށް ސައިފްގެ ދަރި


އެކްޓަރ ސައިފް ޢަލީޚާންގެ ދަރި އިބްރާހީމް ޢަލީޚާން މިހާރުވަނީ ބޮލީވުޑަށް ނުކުތުމަށް މުޅިންހެން ތައްޔާރުވެފައެވެ. އެހެންނަމަވެސް އިބްރާހީމް ޢަލީޚާން ފުރަތަމަ މަސައްކަތަކީ އެކްޓަރެއްގެ ރޯލެއް ނޫނެވެ. ފުރަތަމަވެސް އިށީނީ އެހެން ގޮނޑިއެއްގައެވެ.

ދަރްމާ ޕްރޮޑަކްޝަނުން ކަރަން ޖޯހަރް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު '"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރަކީ އިބްރާހީމްއެވެ. އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ކަރަން ތައްޔާރުކުރާ މި ފިލްމުގެ ޝޫޓިންތައް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައެވެ.

ލީޑްތަރިންގެ ގޮތުގައި ރަންވީރު ސިންގް އާއި އާލިއާ ބަޓް ފެނިގެންދާ މި ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިންކަމަށްވާ ދަރުމެންދުރާ، ޖަޔާ ބަޗަން އަދި ޝަބާނާ އާޒްމީވެސް ހިމެނެއެވެ.

އިބްރާހީމްގެ ދައްތަ ސާރާ ޢަލީޚާން ބޮލީވުޑަށް ތައާރަފުވެ ކާމިޔާބި ފިލްމުތަކެއް ވަނީ ދޫކޮށްލާފައެވެ. އަދި އެތައް ފިލްމެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ސާރާ އަންނަނީ ބައެއް ޑޮކިއުމެންޓަރީގައިވެސް މަސައްކަތް ކުރަމުންނެވެ.

ބައްޕަ ސައިފާއި ވަރަށް ވައްތަރުކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އިބްރާހީމަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް މީހެކެވެ.

ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޒޯޔާ އަޚްތަރުގެ ފިލްމު "އާޗީ" އިން އިބްރާހީމް ބޮލީވުޑަށް ތަޢާރަފްކުރަން އުޅޭކަމުގެ ޚަބަރުވެސް ދާދި ފަހުން ވަނީ އިވިފައެވެ. މި ސިރީޒްގައި އިބްރާހީމްގެ އިތުރުން ޝާހުރުކްޚާންގެ ދަރިފުޅު ސުހާ ޚާން، އަދި ސްރީދޭވީގެ ދަރިފުޅު ޚުޝީ ކަޕޫރުވެސް ބޮލީވުޑަށް ތައާރަފުވާނެކަމަށް ހަބަރުތައް ބުނެއެވެ.