ޚަބަރު

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރިނބީއާއި ފީއަށްޔަށް އާ ޖަނަރޭޓަރު ގެންގޮސްފި


ހދ.ކުރިނބީއާއި ފ.ފީއަލީގެ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދިނުމަށް އެ ދެ ރަށަށް ފެނަކައިން އާ ޖަނަރޭޓަރު ސެޓު ފޮނުވައިފިއެވެ. މި ދެރަށަކީވެސް އާބަދީ އިތުރުވަމުން އައުމާއެކު، ބޭނުންވާ މިންވަރަށް ކަރަންޓު ދިނުމުގައި ދަތިކަން ކުރިމަތިވެފައިވާ ދެ ރަށެވެ.

އާއްމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓުގެ މައްސަލައަކީ ގިނަ ރަށްރަށަށް ދިމާވަމުން އަންނަ މައްސަލައެވެ. އާބާދީ އިތުރުވުމާއި ގުޅިގެން ހަކަތައިގެ ނިޒާމަށް ލޯޑުބޮޑުވުމާއި، ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ނުކުރެވުމުގެ ސަބަބުން އެކަށީގެންވާ ގޮތުގަ ޚިދުމަތް ނުދެވޭ ރަށްތަށްވެސް އެބަހުއްޓެވެ. ރާއްޖޭގައި ހަކަތަ ފޯރުކޮށްދޭ ދެ ކުންފުނީގެ ތެރެއިން ފެނަކައަކީ، އަތޮޅުތަކުން ބޮޑު އިންސައްތައަކަށް ހަކަތަ ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން މިހާރުވެސް 150 ރަށަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން ފ.ފީއަށްޔާއި ހދ.ކުރިނބީއަކީވެސް ރަށަށް އެކަށީގެންވާ ހަކަތައިގެ ނިޒާމެއް ބޭނުންވެފައިވާ ދެރަށެވެ.

ފ.ފީއަލީ ހަކަތައިގެ ނިޒާމަކީ ރަށުގެ އާބާދީއަށް އެކަށީގެންވާ އަދި ޒަމާނީ ޚިދުމަތަކަށް ހެދުމުގެ މަސައްކަތް ފެނަކައިންވަނީ ފަށާފައެވެ. ރައްޔިތުންނަށް ދަތިވާގޮތަށް، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި އިންޖީނުގެ މިހާރުވަނީ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކޮށްފައެވެ. އަދި އާ އިންޖީނުގެއަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. އާ އިންޖީނުގެއާއެކު ރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ނިންމާ، އެރަށަށްވަނީ 400ކިލޯވޮޓްގެ އާ ޖެނެރޭޓަރު ސެޓެއްވެސް ފޮނުވާފައެވެ.

އެރަށުގަ މިހާރު ބޭނުންކުރަމުން އަންނަ 600ކިލޯވޮޓްގެ ޖަނަރޭޓަރަކީ ރަށުގެ 800މީހުންގެ އާބާދީއާ އެކަށީގެންވާ ނިޒާމެއް ނޫންނެވެ. ހޫނުގަދަ ދުވަސްވަރާ، އަދި ޕީކް ގަޑިތަކުގަ އިންޖީނަށް ލޯޑު ބޮޑުވެގެން ކަރަންޓު ކެނޑޭ، ކެނޑުމަށް ރައްޔިތުންތިބީ ޙައްލެއް ބޭނުންވެފައެވެ. ފީއަށްޔަށް އަލަށް ގެންދިޔަ އިންޖީނު ނެޓްވޯކާ ގުޅާލާ، ރަށުގެ އާ އިންޖީނުގެއާއެކު ޚިދުމަތް ފަށާނެއެވެ. މިއާއެކު ރަށުން ކަރަންޓު ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އެރަށު ކައުންސިލުން ފާހަގަކުރެއެވެ.

ފެނަކައިންވަނީ ހދ.ކުރިނބީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެ ރަށަށްވެސް އާ ޖަނަރޭޓަރު ސެޓެއް ފޮނުވާފައެވެ. މިއީ 250 ކިލޯވޮޓްގެ އިންޖީނެކެވެ. ކުރިނބީއަކީ 450މީހުންގެ ކުޑަ އާބާދީއެއް އޮންނަ ރަށެކެވެ. ނަމަވެސް ރަށުގެ ކަރަންޓު ކެޕޭސިޓީ ދަށްވުމުގެ ސަބަބުން، އެކި ވަގުތުތަކުގަ ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެއެވެ. އަލަށް ފޮނުވި އިންޖީނު ކަރަންޓު ނެޓްވޯކާ ގުޅާލާ ޚިދުމަތް ފެށުމުން، ކަރަންޓުގެ ޚިދުމަތަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ފެނަކައިން ބުނެއެވެ. ކުރިނބީގަ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސާމާނުވެސް، ސަރުކާރުންވަނީ މިދިޔަ ޖޫން މަހު އެރަށަށް ފޮނުވާފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، އާބާދީ މަދު ރަށްތަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި، އާއްމު ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާ، އަދި ސަރުކާރުން ފަށާފައިވާ އަވިން ހަކަތަ އުފައްދާ ޕްރޮޖެކްޓަކީވެސް ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ފަށާފައިވާ މަސައްކަތެކެވެ.