ކުޅިވަރު

ބެންގަލޫރު ކަޓުވާލުމަށްފަހު ބަޝުންދުރަ ކިންގްސް ދެވަނަ ބުރުގެ އުއްމީދު އާކޮށްފި


އޭ.އެފް.ސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ބެންގަލޫރު އެފް.ސީ ކަޓައިފިއެވެ. ބެންގަލޫރު، އޭއެފްސީ ކަޕްގެ 2ވަނަ ބުރަށް ދަތުރުނުކޮށް ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ކެޓީ މިއަދު ހަވީރު ގްރޫޕް ޑީގައި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އަތުން އެއްވަރު ވުމުންނެވެ.

ބެންގަލޫރު އެފްސީއަކީ 2016ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލްގައި އެއްކޮޅުން ވާދަކޮށްފައިވާ ޓީމެކެވެ. ބެންގަލޫރާއި ބަޝުންދުރާ ކިންގްސް ވާދަކުރި މެޗް ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މިމެޗަށް މި ދެޓީމް ނިކުންއިރު ބަޝުންދުރާއަށް ވުރެ މެޗް މުހިންމުވީ ބެންގަލޫރަށެވެ. އެއީ ގުރޫޕްގެ ފުރަތަމަ މެޗްގައި އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެފައިވުމާއި ގުޅިގެންނެވެ. މިމެޗަށް ބަޝުންދުރާ ނިކުންނައިރު، އެޓީމު ވަނީ ފުރަތަމަ މެޗްގައި މާޒިޔާ ބަލިކޮށްފައެވެ. އެހެންކަމުން މި ގުރޫޕްގައި ކުރިއަށް ދިއުމަށް ބެންގަލޫރަށް މިއީ ވަރަށް މުހިންމު 3 ޕޮއިންޓެވެ. މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ބެންގަލޫރުގެ ކޯޗް ޕެޒޯލީ ވަނީ މެޗުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ބަޝުންދުރާ ޓީމުގެ ކޯޗް އޮސްކާ ބުނީ މެޗުގެ ފުރަތަމަ 30 މިނެޓްގައި ބެންގަލޫރު ހިފެހެއްޓިއްޖެނަމަ، މެޗުން މޮޅު ވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މެޗްގެ ފެށިގެން ގޯލާއި ދިމާލަށް ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ ބަޝުންދުރާއިންނެވެ. އެޓީމުން ފޮނުވާލި ބޯޅަ ބެންގަލޫރުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ބެންގަލޫރުންވެސް ދިޔައީ ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މެޗްގެ ފުރަތަމަ 5 މިނެޓްގެ ތެރޭގައި އެޓީމަށް ބަޝުންދުރާގެ ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ދެ ޓީމުން ވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން، ލިބޭ ފުރުސަތުގެ ބޭނުން ހިފޭތޯ މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ބެންގަލޫރަށް މުހިންމު މެޗަކަށް މިއަދުގެ މެޗު ވުމުން މެެޗްގެ ކުރީކޮޅުގައި ބެންގަލޫރުން ދިޔައީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބަޝުންދުރާއިން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންނެވެ. މެޗްގެ 22ވަނަ މިނެޓްގައި ބަޝުންދުރާގެ ރޮބްސަންއަށް ބެންގަލޫރުގެ ކިންގް ކުރި ފައުލަކާއި ގުޅިގެން ބަޝުންދުރާއަށް ހިލޭ ޖެހުމެއް ލިބުނެވެ. ނަމަވެސް ބަޝުންދުރާއިން ފޮނުވާލަން މަސައްކަތް ކުރި ހިލޭ ޖެހުން އަމާޒު ވީ ބެންގަލޫރުގެ ވޯލްގައި އެތުރިފައިވާ ކުޅުންތެރިންނާއި ދިމާލަށެވެ. އޭގެ މިނެޓެއް ފަހުން ބެންގަލޫރަށް ވެސް ގޯލެއް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނުއެވެ. އޭރިޔާގެ ތެރޭގައި ހުރެފައި ބެންގަލޫރުގެ ކިންގް ބޮލުން ފޮނުވާލި ބޯޅަވަނީ ބަޝުންދުރާގެ ކީޕަރު ރަހުމާން މަތަކޮށްފައެވެ.

މިނަތީޖާއާއެކު ބަޝުންދުރަ ކިންގްސް އަށް ދެވަނަ ބުރުގެ ފުރުސަތެއް ޔަގީންވާނީ ގްރޫޕްގެ އެންމެ ފަހު މެޗުގައި އޭ.ޓީ.ކޭ މޯހަން ބަގާންގެ މައްޗަށް ކުރި ހޯދިންނެވެ. އެމެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

ބަޝުންދުރާއިން ވަރަށް ބޮޑަށް އެޓީމަށް ލިބޭ ކައުންޓަރ އެޓޭކްތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް ލިބުނު ފުރުސަތަކަށް ބަލާއިރު ގޯލާއި ސީދާކޮށް އެޓީމަށް އުފެއްދިފައިވަނީ މަދު ފުރުސަތެކެވެ. މެޗުގެ 33ވަނަ މިނެޓްގައި ބަޝުންދުރާގެ ޖޮނަތަން ވަނީ އޭރިޔާގެ ބޭރުގައި ހުރެފައި ބާރު ބޯޅައެއް ބެންގަލޫރުގެ ގޯލާއި ދިމާލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ބޯޅަވަނީ ބެންގަލޫރުގެ ކީޕަރު އަތުން ޖައްސާ ބޭރުކޮށްލާފައެވެ. މެޗްގެ ކުރީކޮޅުގައި ބަޝުންދުރާއިން ގިނަ ހަމަލާ އުފެއްދިނަމަވެސް، ފުރަތަމަ ހާފް ނިމެންދިޔަވަރަކަށް ހަމަލާ އުފައްދަން މަސައްކަތް ކުރަމުންދިޔައީ ބެންގަލޫރުންނެވެ. ނަމަވެސް މެޗްގެ ފަހު 10 މިނެޓްގެ ތެރޭގައި ބަޝުންދުރާއިން ދިޔައީ ބޯޅަ ހިފައްހަޓައިގެން ނުރައްކާތެރި ހަމަލާތައް އުފައްދަމުންނެވެ. ބެންގަލޫރުއިން މިގުރޫޕްގައުި ކުޅުނު ފުރަތަމަ މެޗްގައިވެސް ދިމާވި މައްސަލަ މިމެޗްގައި އެޓީމަށް ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. ޕެނަލްޓީ އޭރިޔާގެ ތެރޭގައި ނިންމާލަން ލިބޭ ބޯޅަތަކުގެ ބޭނުން އެޓީމަކަށް ހިފޭތަނެއް ނުފެނުނެވެ.

މެޗްގެ ދެވަނަ ހާފް ބެންގަލޫރުއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް އެޓީމަށް ގޯލާއި ދިމާލަށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފްގެ ފުރަތަމަ 5 މިނެޓްގެ ތެރޭގައި ބަޝުންދުރާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް ގޯލާއި ދިމާލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗްގެ ދެވަނަ ހާފްގައި ދެ ޓީމުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔައިރުގައި ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔައެވެ. ރެފްރީގެ ބައެއް ނިންމުންތަކާއި ގުޅިގެން ބަޝުންދުރާގެ ކުޅުންތެރިންގެ އިތުރުން އެޓީމްގެ ކޯޗް އޮސްކާ ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި ބަޝުންދުރާގެ ރޮބްސަންއަށް ގޯލެއް ޖެހުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ގޯލްގެ ރޮގުމަތިން ކަހަލަގޮތަކަށް ބެންގަލޫރުގެ ރޯޝަން ވަނީ ބޯޅަ ދިފާޢުކޮށްފައެވެ. މިއީ މުޅި މެޗަށް ބަލާއިރުވެސް ބަޝުންދުރާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. ބަޝުންދުރާއިން އުފައްދަން މަސައްކަތް ކުރާ ހަމަލާތަކުގައި އެޓީމްގެ ކުރިއަށް ކުޅޭ ރޮބްސަން ހިފެހެއްޓުމަށް ބެންގަލޫރުގެ ކުޅުންތެރިންނަށް ގިނަ އުދަގޫތަކާއި ކުރިމަތިވިތަން ފެނިގެންދިޔަ މެޗްގައި 60ވަނަ މިނެޓްގައި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ވެސް ހިފޭ ގޮތެއް ނުވިއެވެ. ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެފައި ޗެތުރީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. 

މެޗްގެ ދެވަނަ ހާފްގައި ބެންގަލޫރުއިން ގެނައި ބަދަލްތަކާއެކު އެޓީމުން ކުރިއަށް ވުރެއް ބޮޑަަށް ގޯލެއް ޖެހުމަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް ބަޝުންދުރާގެ ކީޕަރު ޓެސްޓްކޮށްލެވޭ ވަރުގެ ބޯޅައެއް އެޓީމަށް ވެސް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މެޗްގެ 73ވަނަ މިނެޓްގައި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލީ ބޯޅަ ވަނީ ބަޝުންދުރާގެ ކީޕަރު ދިފާއުކޮށްފައެވެ. މެޗްގައި ގޯލެއް ޖެހުމަށް ބެންގަލޫރަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ އެލެން ކޮސްޓަރއަށެވެ. ނަމަވެސް ބޮލުން އެލަން ފޮނުވާލިބޯޅަ ވަނީ ގޯލްގެ މަތީ ދަނޑީގައި ޖެހިފައި އަދި ބިންމަތީގައި ޖެހިފައި ނިކުތީ ބޭރަށެވެ. ބެންގޫލުރުގެ ކުޅުންތެރިން އެއީ ގޯލެއްކަމަށް ބުނި ނަމަވެސް، ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މެޗްގެ ފަހު 15 މިނެޓްގައި މެޗްގެ އޮއިވަރު އެއްކޮށްކަހަލަ ގޮތަކަށް ބަދަލްވެގެންދިޔައެވެ. ބެންގަލޫރުން ދިޔައީ ބަޝުންދުރާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފުލުފުލުގައި ބެންގަލޫރަށް ގޯލެއް ޖެހުމަށް ފުރުސަތު ލިބުނު ނަމަވެސް، ބަޝުންދުރާގެ ގޯލްގެ ތިން ދަނޑިން އެތެރެކޮށްލެވޭ ގޮތެއް ނުވިއެވެ. މެޗްގެ ފަހު ކޮޅުގައި ބަޝުންދުރާގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔައެވެ.

މިމެޗު އެއްވަރު ވީއިރުގައި، މިދިޔަ ސީސަންގައި ބެންގަލޫރަށް އެގައުމުގެ ލީގުގައި ވެސް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.