ޚަބަރު

ފަރަށް އެރި އާގު ބޯޓު ފުންކުރަން ލަންކާއިން ޓަގުބޯޓެއް ގެންނަނީ


މިދިޔަ ބުރާސްފަތި ދުވަހު ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރި އާގުބޯޓު، ފުންކުރުމަށް ސްރީލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފަރަށް އެރި އާގުބޯޓު ނިސްބަތްވާ ގްރީސްގެ ކުންފުނިން އެމީހުންގެ އޭޖެންޓަކަށް "އަންޓާކް މޯލްޑިވްސް" ނަމަކަށްކިޔާ ދިވެހި ކުންފުންޏެއް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ބޯޓު ފުންކުރުމަށްޓަކާ ސްރިލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެ ބޯޓު މިމަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް އަންނާނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތް ކުރާނީ ކޯސްގާޑާ މަޝްވަރާކުރުމަށްފަހުކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި އާގު ބޯޓު ފަރަށް އަރައިފައިވަނީ ކ.ރަސްފަރި ކައިރިން އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 12:48 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.