ޚަބަރު

ލޯނުނެގުމާއި ދޫކުރުމުގެ ބާރު މިނިސްޓްރަށްދެނީ ދަޢުލަތް ދަރަނިވުމުގެ ޖާގަ ކުޑަކުރަން


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު ކައުންސިލްތަކަށް ނެގޭ ލޯނާއި، ލޯނު ދޫކުރުގެ ބާރު ފިނޭންސް މިނިސްޓަރަށް ދީފައިވަނީ ކައުންސިލުން ނަގާ ލޯނެއްގެ ސަބަބުން ދައުލަތް ދަރަނިވެރި، ޑީފޯލްޓަކަށް ދިއުމުގެ ޖާގަ ނުދިނުމަށް ކަމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށްޓަކައި މާލިއްޔަތު ޤާނޫނަށް އިސްލާހުތައް ހުށަހެޅުއްވި މެމްބަރު ޔަޢުޤޫބު ވިދާޅުވީ ކައުންސިލްތަކަކީ ދައުލަތުގެ ތެރޭގައި ހިމެނޭ މުއައްސަސާއަކަށްވުމުން، ކައުންސިލްތަކުން ނަގާ ލޯނާއި، ދަރަންޏަކީވެސް ދައުލަތަށް އޭގެ ބުރަ އުފުލަންޖެހޭ އެއްޗެއްކަމަށެވެ.

ކައުންސިލްތަކުން ބޭނުންވެގެން ނަގާ ލޯނުތަކަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައެޅުމަށް ބައެއް މެމްބަރުން ދެއްކެވި ވަހަތަކާއި ގުޅިގެން ޕީއެސްއެމްގެ ބާބު-3 ޕްރޮގުރާމުގައި ޔައުޤޫބް ވިދާޅުވީ، ވަކި މުއްދަތެއް ކަނޑައެޅުމަށްވުރެއް ބޮޑަށް މިނިސްޓަރ ބައްލަވަންޖެހޭނީ ނެގޭ ލޯނުގެ ސަބަބުން ދައުލަތަށް އޭގައިން ކުރާނެ އަސަރަށް ކަމުގައެވެ. ދައުލަތަށް ނަގާ ލޯނު ޖީޑީޕީގެ ވަކި ވަރަކަށްވުރެ މަތިވެގެން ނުވާނެކަމަށް ޚަރަދަށް ޒިންމާވާންޖެހޭ ޤާނޫނުގައި ބުނެފައިވާއިރު، ލޯނެއްގެ ހުއްދަ ދޭއިރު މިކަންކަމަށް ބަލަންޖެހޭކަމަށެވެ. އަދި ނެގޭ ލޯނެއްގެ ސަބަބުން ދައުލަތް ދަރަނިވެރިވެ ކައުންސިލެއް ޑީފޯލްޓް ވެގެންދާނޭ ގޮތަކަށް ލޯނުގެ ހުއްދަ ދިނުމުގެ ކުރިން މިނިސްޓަރު ބައްލަންޖެހޭކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

"ކައުންސިލްތަކަށް ލޯނު ނެގުމާއި، ދޫކުރުމުގެ ބާރު އަޅުގަނޑުމެން މިދޫކުރަނީ ކޮންޓްރޯލެއްގެ ތެރެއިން. ފައިސާއާ ގުޅޭކަންކަމުގައި، ޚާއްސަކޮށް މުޅި ދައުލަތް ޝާމިލުވާ ކަމެއްގައި ކޮންޓްރޯލެއް އޮންނަންވާނެ. މަނީ ލޯންޑަރިންއާއި، ޓެރަރިޒަމް ފައިނޭންސްގެ ތެރެއަށް ޖާގަދެވޭގޮތަށް ބަލައި ނުލެވި ދޫވެއްޖެނަމަ މިއީ ނުރައްކާތެރި ކަމަކަށްވެސް ވެދާނެ. އެހެންކަމުން ލޯނު ދޫކުރުމުގައި ކޮންޓްރޯލެއް އޮންނަން ޖެހެނީ." ޔަޢުޤޫބު ވިދާޅުވިއެވެ.

ކައުންސިލުތަކުން ދަރަންޏަށް ފައިސާ ނަގަންވާނީ އެ ކައުންސިލު ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ދަރަންޏެއް ނެގުމަށް އެ ކައުންސިލެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ޤަރާރެއް މިނިސްޓަރަށް ހުށަހަޅައި، އެކަމަށް މިނިސްޓަރު ހުއްދަ ދިނުމުންކަމަށްވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވެއެވެ.

ކައުންސިލްތަކަށް ލޯނުނަގައި، ލޯނު ދޫކުރުމުގެ އިޚްތިޔާރު ދޫކޮށްލާއިރު، މިހާރުވެސް ބަޖެޓްގެ %5އާއި، ރަށަކަށްލިބޭ އެކި ކުލިތަކުގެ %40އާއި އިޚްތިސާސްގައި ހިމެނޭ ތަންތަނުގެ %100 ފައިދާ ލިބިގެންދެއެވެ. ކައުންސިލްތަކުން ޕްލޭން އެކުލަވާލައި، މަސައްކަތް ކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވިއެވެ. ކައުންސިލްތަކުން ވިސްނަންޖެހޭނީ ރަށުގައި ހުރި ވަސީލަތްތަކާއި، ތަންތަން ބޭނުންކޮށްގެން އާމްދަނީ ލިބޭނެ ގޮތާއި، ރަށަށް ކުރިއެރުން ލިބޭނެ ގޮތްތަށް ފަހިކުރުމަށް ކަމަށެވެ.

ކައުންސިލްތަކަށް ލޯނު ނެގުމާއި ލޯނު ދޫކުރުގެ ބާރުގެ އިތުރުން ޕަބްލިކް ބޭންކު އެކައުންޓް ހުޅުވުމުގެ ފުރުސަތުވެސް ލިބޭގޮތަށް ޤާނޫނަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މާލީ ގޮތުން މިހާރު އޮތް ފުރުސަތުތަކުގެ އިތުރުން އަމިއްލައަށް ވިޔަފާރީގެ މުޢާމަތާތްތައް ހިންގޭ ގޮތަށް މާލިއްޔަތު ޤާނޫނުގެ ތެރެއިން ބާރުތައް ދޫކޮށްލުމުން ކައުންސިލްތަކަށް ތަރައްޤީގެ ޕްލެއިނާއިއެކު ކަންކަން ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ގިނަ ކައުންސިލްތަކުން ދެކެއެވެ.