ކުޅިވަރު

ބެންޒީމާ ރެއާލްގައި އިތުރު 1 އަހަރު މަޑުކުރަނީ


ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ ފަރަސްސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކަރިމް ބެންޒީމާ އެކްލަބްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމާ އެއް ބަސްވުން އާކޮށްފިއެވެ. ރެއާލްގެ ކެޕްޓަންކަންވެސް މިހާރު ކުރަމުން އަންނަ ބެންޒީމާ އާއި ރެއާލްގެ މެދުގައި ވީ މިއެއްބަސްވުމުގެ ދަށުން އޭނާ 2023ގެ ނިޔަލަށް އެކްލަބްގައި މަޑު ކުރާނެއެވެ.

މިއެއްބަސްވުމާއެކު ބެންޒީމާ ރެއާލްގައި ހޭދަކުރާ މުއްދަތު 14 އަހަރަށް ވެގެންދާނެއެވެ. އުމުރުން 33 އަހަރުގެ ބެންޒީމާ ރެއާލް އާއި ގުޅިފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި މިވީ 12 އަހަރުގެ ތެރޭގައި އޭނާވަނީ ރެއާލްއަށް 281 ލަނޑު ޖަހައިދީފައެވެ. މިގޮތުން އެންމެފަހުން ކުޅުނު ތިން ސީޒަންގައި ވެސް އޭނާވަނީ 20 ލަނޑު ޖަހަފައެވެ. ބެންޒީމާއަކީ އެކްލަބްގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. މިސީޒަން ބެންޒީމާ ފަށާފައިވަނީ ވަރަށް ފޯމްގައެވެ. މިގޮތުން ފުރަތަމަ މެޗްގައި އަލަވޭޒް އާއި ކުޅެ ރެއާލް 4 ލަނޑު އެއް ލަނޑުން މޮޅުވި މެޗްގައިވެސް އޭނާވަނީ 2 ލަނޑު ޖަހާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޤައުމީ ޓީމާއި ދުރުގައި ހުރުމަށްފަހު އެންމެފަހުން ބޭއްވި ޔޫރޯ 2020ގައި ވާދަކުރި ފަރަންސޭސި ޓީމްގައިވެސް އޭނާވަނީ ހިމަނާފައެވެ. އޭނާ ވަނީ ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައެވެ.

ބެންޒީމާ ކޮންޓްރެކްޓް އާކޮށްފައިވާއިރު އެކްލަބްގެ ކީޕަރ ޓީބައު ކޯޓުއާ ވަނީ ވަރަށް ފަހުން އިތުރު ފަސް އަހަރު އެކްލަބްގައި މަޑު ކުރަން ނިންމާ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.