ކުޅިވަރު

އަޔެކްސްއިން އެކްލަބްގެ ތިންވަނަ ކިޓް ތައާރަފް ކޮށްފި


ނެދަލަންޑްސްގެ އެރެޑިވިސީގެ ޗެމްޕިއަން އަޔެކްސް އެމްސްޓަޑަމްއިން މިސީޒަންގައި ބޭނުންކުރާ ތިންވަނަ ކިޓް މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް މާލީ ކިޔާފައިވާ ތްރީ ލިޓްސް ބަރޑްސް ލަވަޔާއި ގުޅުވައިގެން ތައާރަފްކޮށްފިއެވެ. މިއީ އަޔެކްސް އާއި ބޮބް މާލީ އާއި ދެމެދުގައިވާ ގުޅުމަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

އަލަށް ތައާރަފްކުރި ޖަރޒީގައި ޖެމެއިކާގެ ދިދައިގައި ހިމެނޭ ތިން ކުލަ ހިމަނާފައިވާއިރު ޖަރޒީގެ ފަހަތުގައި އެލަވަޔަށް ނިސްބަތްވާ ތިން ދޫނި ޖަހާފައިވެއެވެ. މާލީ އާއި އަޔެކްސް އާއި އޮންނަނީ ކޮން ގުޅުމެއްތޯ ގިނަ ބަޔެއްގެ ހިތްތަކުގައި ސުވާލު އުފެދޭނަމަ އެސުވާލުގެ ޖަވާބު ގުޅިފައިވަނީ 2008 ވަނަ އަހަރު ކާޑިފް ސިޓީ އާއި އަޔެކްސްގެ ވޭލްސްގައި ކުޅުނު ރަހްމަތްތެރިކަމުގެ މެޗާއެވެ. މިމެޗަށްފަހު އަޔެކްސްގެ ސަޕޯޓަރުން ދަނޑުން ނުގޮސް މަޑުކުރުމަށް ސްޓޭޑިއަމްގެ ޑީޖޭ އެދުމުން ޖަހައިދީފައިވަނީ ބޮބް މާލީ ކިޔާފައިވާ ތްރީ ލިޓްސް ބަރޑްސް ލަވައެވެ. އެހާހިސާބުން ފެށިގެން އަޔެކްސްގެ ސަޕޯޓަރުން އަންނަނީ ރަށުގަ އާއި ރަށުން ބޭރުގައި ކުޅޭ ކޮންމެ މެޗެއްގައި އެލަވަ ކިޔަމުންނެވެ. އަދި ކްލަބްގެ އެންތަމް ލަވަޔަށް ވެސް މި ލަވަ ވަނީ ވެފައެވެ. ތްރީ ލިޓްލް ބަރޑްސްއަކީ ބޮބް މާލީ އާއި ދި ވެއިލަރސް 1977 ވަނަ އަހަރު ރިކޯޑް ކޮށްފައިވާ ލަވަޔެކެވެ.

މިޖަރޒީ މިގޮތަށް ފަރުމާ ކުރުމާގުޅޭގޮތުން އަޔެކްސްއިން ބުނީ އެކްލަބްގެ ސަޕޯޓަރުން މިލަވަ އެދުވަހުންފެށިގެން އެކްލަބްގެ ލަވަޔަކަށް ހަދާފައިކަމަށާއި އަދި ކޮންމެ މެޗެއްގައި އެލަވަ ކިޔަމުންދާ ކަމަށެވެ. މިއީ އުންމީދު ރަމްޒުކޮށްދޭ ލަވައެއް ކަމަށާއި އަދި އެކްލަބްގެ ސަޕޯޓަރުން ކޮންމެ ނަތީޖާއެއް ޓީމުން ނެރުނު ނަމަވެސް އެލަވަ ކިޔާކަމަށް އަޔެކްސްއިން ބުނެއެވެ. 2018 ވަނަ އަހަރު ބޮބް މާލީގެ ފިރިހެން ދަރި ކައި މާނީ މާލީ ވަނީ ޗެމްޕިއަންސް ލީގުގައި އެތެންސް އާއި އެކު ކުޅުނު މެޗެއްގެ ހާފް ޓައިމްގައި ޔޯހާން ކްރައިފް އެރީނާގައި މިލަވަ ކިޔާދީފައެވެ. އަޔެކްސްއިން ވަނީ މިޖަރޒީ ފަރުމާ ކުރުމުގައި މާލީގެ އާއިލާއާއި ވަރަށް ގާތުން މަސައްކަތް ކޮށްފައެވެ.

މިފަހަރު ޔޫރަޕްގެ މެޗްތަކުގައި އަޔެކްސްއިން ބޭނުން ކުރާނީ މިޖަރޒީކަމަށް އެކްލަބުން ބުނެއެވެ. މާލީގެ އަންހެން ދަރިފުޅު ސެޑެލާ ބުނީ އަޔެކްސްއިން އެކްލަބްގެ އެންތެމް ލަވަޔަކަށް ތްރީ ލިޓްލް ބަރޑްސް ހަދާފައިވާތީ އޭނާއަށް ހާއްސަ އުފަލެއް ލިބިފައިވާކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ އޭނާގެ ބައްޕަގެ ތްރީ ލިޓްލް ބަރޑްސް ފަދަ ލަވަތައް މީހުންނާއި ގުޅުވައިދީފައިވާ މިންވަރުކަމަށެވެ. އަދި ފުޓްބޯޅައަކީ އޭނާގެ ބައްޕައަށް ހުރިހާ އެއްޗެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަޔެކްސްއިން ތައާރަފްކުރި އާޖަރޒީއަށް ވަނި ވަރަށް ގިނަ ބައެއްގެ މަގްބޫލްކަން ލިބިފައެވެ. މިގޮތުން ޖަރޒީ އޮންލައިންކޮށް ވިއްކަމުންދިޔަ ސައިޓްވަނީ ޖަރޒީ ރިލީޒް ކުރިތާ މާގިނައިރުތަކެއް ނުވެ ކްރޭޝްވެފައެވެ.