ކުޅިވަރު

ފޭވަރިޓުންނަށް ވީމަ ޕްޜެޝަރު އޮތީ އޭޓީކޭއަށް - ވިޑަކޮވިޗް


އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއަކީ ބަލިނުކުރެވޭނެ ޓީމެއް ނޫންކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. މެޗާ މާޒިޔާ ކުރިމަތިލާއިރު، އެޓީމު ވަނީ ފުރަތަމަ މެޗުން ބަނގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން ބަލިވެފައެވެ. އަދި މޯހަން ބަގާން ވަނީ ބެންގަލޫރު އެފްސީ ބަލިކޮށް 3 ޕޮއިންޓް ހޯދާފައެވެ. ގުރޫޕްގައި ކުރިއަށް ދިއުމަށް މިއީ މާޒިޔާއަށް ވަރަށް މުހިންމު މެޗެކެވެ.

ތިން މަހަށް ވުރެއް ގިނަ ދުވަހު ވާދަވަރި މެޗެއް ނުކުޅެ، އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން މި ޖެހެނީ މާ ކައިރިކައިރީގައިކަމަށާއި މިކަމުގެ ސަބަބުން ކުޅުންތެރިން އެންމެ ރަނގަޅު ގޮތުގައި ރިކަވަރ ވާން ވެސް އުދުވާނެކަމަށް ވިޑަކޮވިޗް ބުންޏެވެ. ނަމަވެސް މިއީ މުބާރާތް ރެވިފައި އޮތް ގޮތް ކަމުން މިއަށް އެއްވެސް ބަދަލެއް ގެނެވެން ނެތްކަމަށާ، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ތާވަލާއި އެއްގޮތަށް ކުޅެން ދަސްކޮށް ކުރިއަށް ދިއުމަކަމަށެވެ. މާޒިޔާއިން ވަނީ އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ސަޢުދިއަރަބިއްޔާގައި 10 ދުވަހުގެ ކޭންޕެއް ފުރިހަމަކޮށްފައެވެ. އަދި އެގައުމުގައި މާޒިޔާއިންވަނީ އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ. ރާއްޖޭގެ އެހެން ކުލަބްތަކާއި އަޅާބަލާއިރު، މާޒިޔާއަކީ އެންމެ ރަނގަޅު މެނޭޖްމަންޓް އޮތް ޓީމެވެ. މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ ފުރަތަމަ މެޗުން ބަލިވިޔަސް ޓީމުގެ މެނޭޖްމަންޓުން އޭނާއަށް އެއްވެސް ޕްރެޝަރެއް ނުކުރާކަމަށާއި މިއީ މިފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވުމަށް އޮތް އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ. އަދި އެއްވެސް އުޒުރެއް ދައްކަން ބޭނުންނުވާކަމަށާއި ބޭނުންވަނީ މެޗު ކުޅެ މޮޅުވާންކަމަށެވެ. މިމެޗަށް ނިކުންނައިރު، ޕްރެޝަރު އޮތީ މާޒިޔާއަށް ވުރެއް ބޮޑަށް މޯހަން ބަގާންއަށެވެ. އެއީ އެޓީމަކީ މި ގުރޫޕްގެ ފޭވަރިޓުންނަށްވާތީ ކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.

"މިރޭ މެޗުން މޮޅުވުން މުހިންމީ. އޭރުން ގުރޫޕްގެ އެއްވަނަ ނިންމާނީ ގުރޫޕުގެ އެންމެ ފަހު މެޗުން. މިއީ ވަރަށް މުހިންމު މެޗެއް. މިމެޗާއި ކުރިމަތިލާއިރު، ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް. މެޗާއި މާޒިޔާގެ ކުޅުންތެރިން ކުޔރިމަތިލަނީ މެޗުން މޮޅުވެގެން ފައިބަން. ޓީމުގެ ކުޅުންތިން ވަރަށް މަސައްކަތް ކުރާނެ. އަޅުގަނޑު ގަބޫލް ކުރަން އަދިވެސް ގުރޫޕުގައި ކުރިއަށް ދިއުމަށް ފުރުސަތު އޮތްކަން. މެޗްގައި ފުރުސަތުވެސް ލިބޭނެ، އެހެންނަމަވެސް މެޗުން މޮޅުވުމަށް ހުރިހާ ގޮތަކުންވެސް މޮޅަށް ކުޅުން ވަރަށް މުހިންމު. މޯހަން ބަގާންއަކީ ފޭވަރިޓުންނޭ ބުނެވެނީ އެޓީމުގެ ބަޖެޓް އާއި އެޓީމް ފުޓްބޯޅައަށް ކުރާ މަސައްކަތާއި އިންޑިޔާގެ ލީގަށް ބަލާފަ. ކަރުދާހުގައި އެޓީމް ފޭވަރިޓުންނަށް ވިއަސް، ލަނޑު މަތީގައި މޮޅުވާނީ މޮޅަށް ކުޅެ، ލިބޭ ފުރުސަތުގެ ބޭނުން ހިފާ ޓީމް." މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ އެންމެ ފަހުން މެޗްގައި ހެދުނު ގޯސްތަކުގެ މަތީން މިހާރު ހަދާން ނައްތާލާފައިވާކަމަށާއި ގޯސްތައް ވެސް ހެދޭނީ ދަނޑުމަތީގައި ކުޅެން ހުންނަ ކުޅުންތެރިޔާ އަތުންކަމަށެވެ. މިކަމުގައި މުހިންމީ ދެވަނަ ފަހަރަށް ހެދޭ ގޯސް ތަކުރާރުނުކޮށް، އެކަން ރަނގަޅު ކުރުންކަމަށް ވެސް އެންމެ ފަހުން މާޒިޔާ މެޗްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިރުފާނު ބުންޏެވެ.

"މިފަދަ މެޗުތަކުގައި ލީޑް ވަރަށް މުހިންމު. މެޗުގެ ފުރަތަމަ ކޮޅުގައި ގޯލެއް ޖަހައިފިއްޔާ އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މުޅި ޓީމަށްވެސް އެކަމުން ވަރަށް ބޮޑު ފައިދާއެއް ކުރާނެ. ނަމަވެސް ބައިކޮޅަށް ގޯލެއްވަދެ، ފަހަތުން އަރާ ކުރަންޖެހޭ މަސައްކަތް އިތުރުވާނެ. އޭގެ ބަދަލުގައި އެންމެ ފުރަތަމަ ގޯލެއް ޖެހުން މުހިންމީ. އޭރުން އެލީޑުގައި އޮވެގެން ކުރަންޖެހޭ މަސައްކަތް މަދުވާނެ.

"މި ކަހަލަ (މެޗުތަކެއް) ޕްރެޝަރުގައި ކުޅޭއިރު ފުރަތަމަ ކޮޅުގައި ލިބޭ އެއްޗެއް ޖަހައިފިއްޔާ އެއީ މުޅި ޓީމަށް ވެސް ލިބޭ އެޑްވާންޓޭޖެއް. ވާގޮތަކީ އެއްޗެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި އެއްވަރު ކުރުމަށް ވުރެ ފުރަތަމަ ކޮޅުގައި ކުރީގައި އޮވެގެން އެ ލީޑު ހިފަހައްޓަން ވަރަށް ފަސޭހަވާނެ،" ގައުމީ ޓީމަށް ވެސް ކުޅޭ މިޑްފީލްޑަރު ބުންޏެވެ.

މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.