ކުޅިވަރު

ބްރެސްތު އެފްސީ އާއި ދެކޮޅަށް ކުޅޭ މެޗްގައި މެސީ ކުޅުވުމާމެދު ގޮތެއް ނުނިންމާ-ޕޮޗެޓީނޯ


ފްރެންޗް ލީގު އާން ގައި މިރޭ ރަށުން ބޭރުގައި ބްރެސްތު އާއި ދެކޮޅަށް ކުޅޭ މެޗްގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި ވަރަށް ފަހުން ގުޅުނު ލިއޮނެލް މެސީ ކުޅުވުމާއި މެދު އަދި ވަކޮގޮތެއް ނުނިންމާކަމަށް އެޓީމުން ހާމަކޮށްފިއެވެ. ޕީއެސްޖީގެ ޖަރޒީގައި މެސީ ފުރަތަމަ ފަހަރަށް ކުޅޭ ތަން ބަލާލަށް ބޭނުންވާ މީހުން ވަރަށް ގިނައެވެ.

ހާއްސަކޮށް ޕީއެސްޖީގެ ސަޕޯޓަރުންތިބީ އެޓީމާއި އަލަށް ގުޅުނު މެސީ ކޫޅޭތަން ދެކިލުމަށް ކެތް މަދުވެފައެވެ. ހަފަހަރު ބެލޮން ޑިއޯ އެވާރޑް ހާސިލްކޮށްފައިވާ މެސީ ޕީއެސްޖީއާއި ގުޅުނީ ފްރީ ޓްރާންސްފަރ އެއްގެ ދަށުން މިދިޔަ ހަފްތާގަ. ކޮޕާ އެމެރިކާ ކާމިޔާބުކުރިފަހުން މެސީ އަދި މެޗެއް ކުޅެފައެއް ނުވޭއެވެ. ނަމަވެސް މެސީ އަންނަނީ ޕީއެސްޖީއާއެކު ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވަމުންނެވެ.

ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިރޭގެ މެޗަށް ނެރޭނެ ޓީމެއް އަދި ކަނޑަނާޅާކަމަށެވެ. އަދި މިމެޗްގައި މެސީ އެއްވެސް ދައުރެއް ކުޅޭނެ ތޯ މިދަނީ ބަލަމުންކަމަށް އޭނާ ބުންޏެވެ. ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށް ޕޮޗެޓީނޯ ބުންޏެވެ. ކުޅުންތެރިންގެ މެދުގައި ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި އަދި މެސީވެސް ވަރަށް އަވަހަށް ޓީމަށް ހޭނިއްޖެކަމަށް ޕޮޗެޓީނޯ ބުންޏެވެ. ކިލިއަން އެމްބާޕޭ ރެއާލް އާއި ގުޅެން އުޅޭކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން ޕޮޗެޓީނޯ ބުނީ އެމްބާޕޭ އަކީ ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށާއި އޭނާ ކްލަބްގައި މަޑު ކުރަން ބޭނުންވާކަމަށެވެ. އަދި އޭނާ އަންނަނީ ޓީމާއެކު ފުރިހަމައަށް ފަރިތަކުރަމުންކަމަށާއި އަދި އެމްބާޕޭ ހުރީ އެކްލަބްގައި ހިތްހަމަ ޖެހިގެންކަމަށް ގަބޫލް ކުރެވޭކަމަށްވެސް އޭނާ ބުންޏެވެ. އަދި މިރޭގެ މެޗަށް އޭނާ އަންނަނީ ފުރިހަމައަށް ތައްޔާރު ވަމުންކަމަށް ޕޮޗެޓީނޯ ހާމަކުރިއެވެ.