ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާއި ގުޅިގެން އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތެއް ފުލުހުން ކުރަމުންނުދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން، މިނިސްޓަރ މަޚުލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުގައެވެ.
މިމައްސަލައިގައި ދަޢުވާކުރުމާމެދު މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާއިރު، މައްސަލަ ލަސްވާ ސަބަބާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ މަޚުލޫފަށް ދަޢުވާކުރުމުގެ ކުރިން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފުލުހުންނާއެކު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
މިކަމާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިނިސްޓަރ މަޚްލޫފްގެ މައްޗަށް ކުރެވޭ ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު އައު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން ނުދިޔަ ނަމަވެސް ޕީޖީގެ އެދުމުގެ މަތިން އެމައްސަލައިގެ ތަހުގީގުގައި ކުރިން ހޯދާފައިވާ ބައެއް ހެކިތަކާގުޅޭ ކަންކަން އިތުރަށް ސާފުކޮށްދޭން ފުލުހުން މަސައްކަތްކުރަމުންގެންދާކަމަށެވެ.
މިނިސްޓަރ މަޚުލޫފުގެ މައްސަލައިގައި ޕީޖީއަށް ނުފޫޒު ފޯރުވާކަމަށް ބުނެ މިނިސްޓަރ މަޚުލޫފުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެވާހަކަތަކާއި ގުޅިގެން ޕީޖީ މިދާޅުވީ މިނިސްޓަރ މަޚުލޫފުގެ މައްސަލައިގަވެސް އަދި އެނޫން މައްސަލައެއްގައިވެސް އެމަނިކުފާނަކަށް އެއްވެސް ފަރާތަކުން ނުފޫނު ނުފޯރުވޭނެކަމަށެވެ.
ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާ މައްސަލަތަކުގެ ތެރެއިން ބަންދުގައި ބަހައްޓާފައި ނުވާ މީހެއްގެ މައްސަލައެއްނަމަ ދަޢުވާކުރަން ނިންމަނީ ހޯދަން ޖެހޭ ހެއްކެއް އޮތްނަމަ ހޯދައި ފުރިހަމައަށް ތައްޔާރުވެގެންކަމަށާއި، އަވަސް އަރުވާލައިގެން ދައުވާކުރުމަށް ނިންމުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުޙަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަޙުޤީޤީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާކަމަށެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލައިދޭން، ޕީޖީ އޮފީހުން ބޭނުންވާ އިދާރީ ކަންކަން ފުރިހަމަވުމުން އެކަމުގައި ގޮތެއް ނިންމަވާނެކަމަށް ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިދިޔަމަހު ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.