ކުޅިވަރު

ޔުއޭފާ އެވޯޑަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުން އާންމުކޮށްފި



2020/2021 ވަނަ އަހަރުގެ ޔުއޭފާ އެވޯޑްސްއަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އާންމުކޮށްފިއެވެ. ޔުއޭފާ އެވޯޑްސްއަށް ވާދަކުރާ ފިރިހެން ތިންކުޅުންތެރިންނާ އަންހެން ތިން ކުޅުންތެރިންގެ އިތުރުން ކޯޗުންގެ ނަންތައްވެސް ވަނީ ޔުއޭފާއިން އާންމުކޮށްފައެވެ.

މިފަހަރުގެ ޔުއޭފާ އެވޯޑު ކާމިޔާބު ކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރްހަލާގެ ގުރުއަތުލުން ބާއްވާ ރަސްމިއްޔާތުގައި މިއަންނަ ބުރާސްފަތު ދުވަހުއެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ހަލީގް ކޮންގްރެސް ސެންޓަރގައެވެ. މިފަހަރު ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ އެންމެފަހުން އޮތް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ޗެލްސީއާއ މެންޗެސްޓަރ ސިޓީއަށް ނިސްބަތްވާ ތިން ކުޅުންތެރިންނެވެ. މިގޮތުން ޝޯޓްލިސްޓް ކޮށްފައިވާ ތިން ކުޅުންތެރިންނަނީ ސިޓީގެ ކެވިން ޑި ބްރުއިނަރ އާއި ޗެލްސީގެ ޖޯޖީނިއޯ އަދި އެންގޯލާ ކާންޓޭއެވެ. މިއީ މިއެވާރޑްގެ 11 އަހަރު ވީ ތާރީޚުގައި މެދުތެރެއަށް ކުޅޭ ތިން ކުޅުންތެރިން ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.

މިފަހަރު ފިރިހެން ޓީމްތަކަށް ކޯޗް ކޮށްދިން ކޯޗުންގެ ތެރެއިން ޝޯޓްލިސްޓް ވެފައިވާ ތިން ކޯޗުންނަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް އާއި އިޓަލީވިލާތަށް ޔޫރޯ ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗީނީއެވެ.

ފިރިހެން ކުޅުންތެރިންނާއި ކޯޗުން ހޮވުމުގައި ހަރަކާތްތެރިވެފައިވަނީ މިފަހަރުގެ ޔޫރޯ 2020 ގައި ވާދަކުރި 24 ޓީމްގެ ކޯޗުންނާއި ޔުއޭފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ގްރޫޕް މަރްހަލާގައި ވާދަކުރި 80 ޓީމްގެ ކޯޗުންނާއި ޔުއޭފާ މެންބަރު 55 އެސޯސިއޭޝަނަށް ނިސްބަތްވާ 55 ޖަރނަލިސޓުންނާއި އެޖަރނަލިސްޓުން ހޮވުމުގައި އެހީތެރިވެދިން ޔޫރަޕިއަން ސްޕޮޓްސް މީޑިއާގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މިގޮތުން މިކޯޗުންނާއި ޖަރނަލިސްޓުންގެ ކިބައިން އެދުނީ އެފަރާތްތަކަށް ފެންނަ ތިން ކުޅުންތެރިޔަކަށް ފަސް ޕޮއިންޓް ތިން ޕޮއިންޓް އަދި އެއް ޕޮއިންޓް ދީގެން ތިން ކުޅުންތެރިން ޝޯޓްލިސްޓް ކޮށްދިނުމަށެވެ. އަދި ކޯޗުންނަށް އެކޯޗުންގެ އަމިއްލަ ޓީމްގެ ކުޅުންތެރިޔަކަށް ވޯޓް ދިނުމުގެ ފުރުސަތެއް ނުދެއެވެ.

އަންހެން އެންމެ މޮޅު ތިން ކުޅުންތެރިންގެ ގޮތުގައި ޝޯޓްލިސްޓް ވެފައިވަނީ ޔުއޭފާ ވިމްންސް ޗެމްޕިއަންސް ލިގު ކާމިޔާބުކުރި އެފް ސީ ބާސެލޯނާގެ ތިން ކުޅުންތެރިން ކަމަށްވާ ޖެނިފަރ ހަރމޯސޯ އާއި ލިއެކޭ މާޓެންސް އަދި އެލެކްސިއާ ޕުޓޭޔާސްއެވެ. އަންހެން ޓީމުތަކަށް ކޯޗް ކޮށްފައިވާ ކޯޗުންގެ ތެރެއިން ނޮމިނޭޓް ވެފައިވަނީ ބާސެލޯނާގެ ކޯޗް ލުިސް ކޯޓޭޒް، ސްވިޑްން ޤައުމީ ޓީމްގެ ކޯޗް ޕީޓަރ ގަރހާޑްސަން އަދި ޗެލްސީ ވިމެންގެ އެމާ ހޭސްއެވެ.

އަންހެން ކުޅުންތެރިންނާއި ކޯޗުން ކަނޑާއަޅާފައިވަނީ ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ވާދަކުރި ޓީމްތަކުގެ ކޯޗުންނާއި ޔުއޭފާ އަންހެން ޤައުމީ ޓީމްތަކުގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވިފައިވާ 12 ޓީމްގެ ކޯޗުންނާއި އަންހެނުންގެ ފުތްބޯޅައަށް ހާއްސަ 20 ޖަރނަލިސްޓުންނާއި އެޖަރނަލިސްޓުން ހޮވުމުގައި އެހިތެރިވެދިން އީއެސްއެމްއިންނެވެ.