ސިއްހަތު

މިސަރަހައްދުން މެލޭރިޔާ ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ


ރާއްޖެއަކީ މިސަރަހައްދުގައި މެލޭރިޔާ  ނައްތާލެވިފައިވާ ފުރަތަމަ ޤައުމު ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފިއެވެ.މިކަން އިޢުލާންކުރެއްވީ ދިވެހިރާއްޖެ ޑަބްލިޔުއެޗްއޯގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި މިކަމާއި ބެހޭ ލިޔުން ޑަބްލިޔުއެޗްއޯގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެތްރަޕާލް ސިންގްހް ވަނީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް އާއި ހަވާލުކޮށްދެއްވާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެތްރަޕާލް ސިންގްހްގެ ވާހަކަފުޅުގައި މިވޭތުވެދިޔަ 50 އަހަރު ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ ރާއްޖެއަކީ މިސަރަހައްދުގައި ފާހަގަކޮށްލެވޭ ޤައުމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިއްޚީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އެގޮތުން މިއަންނަ އަހަރުގެ ބަޖެޓްގައި ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ ޢަދަދުންވެސް ސިއްޙީ ދާއިރާއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު އޭނާ ފާހަގަކުރެއްވިއެވެ.ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްގެ ވާހަކަފުޅުގައި މިސަރުކާރުގެ ވޭތުވެދިޔަ 2 އަހަރު ތެރޭގައި ހޯދާފައިވާ ކާމިޔާބީ އާއި ކުރިއަށް ރޭވިފައިވާ މަޝްރޫޢޫތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރު ދުނިޔޭގެ ސިއްހަތު ދުވަހުގެ ޖަލްސާގައި މިދާއިރާ އަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކުރައްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޑަބްލިޔުއެޗްއޯ އިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ.