ޚަބަރު

ކާބުލްގެ ވައިގެ ބަނދަރު ދޫކޮށް ދިޔުމަށް ޠާލިބާނުން ޢާންމުންނަށް އަންގައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޢާންމުން ނުދިޔުމަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން އަންގައިފިއެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ޠާލިބާނުން އައުމުން އެ ޤައުމުގެ އެތައް ހާސް ޢާންމުންނެއްވަނީ ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވެ އެ ޤައުމު ދޫކޮށް ދިޔުމަށް މަސައްކަތްކޮށްފައެވެ. އެ ގޮތުން ރަންވޭ މައްޗަށް އަރައި އަސްކަރީ މަތިންދާބޯޓުތަކަށް ގަދަކަމުން އަރަން އުޅުމުގެ އިތުރުން އެ އުޅަނދުތައް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވެއެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި 12 މީހުން މަރުވެފައިވާކަމަށް ޠާލިބާނުން ބުނެފައިވެއެވެ. އެހެންކަމުން ކާބުލްގެ ވައިގެ ބަނދަރަށް ޢާންމުން ނުދިޔުމަށް އެ ޖަމާޢަތުންވަނީ އަންގައިފައެވެ. އަދި ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައްވަނީ އެ ޖަމާޢަތުން ބަންދުކޮށްފައެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ކާބުލްގެ ވައިގެ ބަނދަރު އޮތީ އެ ޤައުމުގެ ފައުޖުތަކުގެ ބާރުގެ ދަށުގައިކަމަށާއި އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީގައި މަސައްކަތްކުރާ ޚާރިޖީ މުވައްޒަފުންނާއި ސަލާމަތީ މުވައްޒަފުން އެ ޤައުމުން ސަލާމަތްތެރިކަމާއެކު ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެ ގޮތުން މިހާތަނަށް 2،200އަށްވުރެ ގިނަ މީހުން ސަލާމަތުން އަފްޣާނިސްތާނުން ގެންގޮސްފައިވާކަމަށްވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް އަފްޣާނިސްތާނުގެ އެތައް ހާސް ޢާންމުން ކާބުލްގެ ވައިގެ ބަނދަރަށް ގަދަކަމުން ވަދެގަނެ މަތިންދާބޯޓުތައް ދަތުރުކުރުމަށް ހުރަސްއެޅިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި އެ ޢަމަލުތައް ހުއްޓުވުމަށް ޖައްވަށް ބަޑިޖެހިކަމަށްވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.