ޚަބަރު

މަސްވެރިންނަށް ފަސޭޙަކޮށްދިނުމަށް ފުނައްޑޫ އޮޕަރޭޝަނަށް ގެންނަނީ


މަސްވެރިންނަށް ފަސޭހައިން މަސްކިރުވޭނެ ގޮތް ހެއްދެވުމަށް ތ.ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވަންދޫ މަސްވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ދަތިތައް އިތުރަށް ބޮޑުނުވެ ހިފަހައްޓާލެވުނީ މަސްވެރިން ކުރި މިންނެތް މަސައްކަތުންކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. މިގޮތުން މަސްވެރިން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި، މިފްކޯ ތަރައްޤީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސްކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ތ. ފުނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ފޮނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެރަށް ތަރައްޤީކުރުމަށް ނަގާފައިވާ ލޯނެއް ނުދެއްކި އެރަށް ވަނީ ބީއެމްއެލްއަށް ނަގާފައެވެ.

ފުނައްޑޫގައި ހިންގި މަސްފެކްޓްރީއާއި އެ ރަށާއި މަސްވެރިކަމުގެ ޒޯން 3 އަދި 4 އަށް ދީފައިވާ މަސް ގަތުމުގެ ހުއްދަ ގަންނަން ޝައުގުވެރިވާ ބަޔަކު ހޯދަން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މީގެކުރިން އިއުލާންކޮށްފައިވެއެވެ. ނަމަވެސް އަދިވެސް އެރަށް އެއްވެސް ބަޔަކަށް ދޫކޮށްފައެއް ނުވެއެވެ.

ވަންދޫ މަސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލް އިދާރާއަށާއި ވަންދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.