ޚަބަރު

ރިއާލްގެ ޓްރާންސްފާއާއި ގުޅުވުމުން ރޮނާލްޑޯގެ ނުރުހުން މީޑިއާއަށް


ރިއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ދެކެވެމުންދާތީ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ރޮނާލްޑޯ ބުނީ އޭނާއަކީ އަބަދުވެސް ކެރިއަރަށް ސަމާލުކަންދީގެން މަސައްކަތްކުރާ މީހެއް ކަމަށާއި، ކެރިއަރުގައި އަބަދުވެސް އިޚުތިޔާރުކުރަނީ ބަސްމަދުކޮށް އަމަލު ގިނަކުރަން ކަމަށެވެ. ނަމަވެސް، އޭނާގެ އެ ވިސްނުމަށް މީޑިއާއިން އިޙްތިރާމް ނުކުރާކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި އޭނާގެ މުސްތަޤްބަލާމެދު ހިތުހުރި ގޮތަކަށް ލިޔާ ކަމަށާއި، އޭގެ ސަބަބުން އެ ލިޔުންތައް އަމާޒުވާ ކުލަބުތަކަށާއި އޭނާއަށްވެސް އޭގެ އަސަރުކުރާ ކަމަށް ރޮނާލްޑޯވަނީ ބުނެފައެވެ.

ރިއާލާ ގުޅުވައިގެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ ރިއާލުގައި އޭނާ ކުރި މަސައްކަތްތައް ނަންބަރުތަކުންނާއި، ލަފުޒުތަކުންނާއި އަދި ތަށިތަކުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ރިއާލާއެކު ހޭދަކުރި 9 އަހަރުގެ ހަނދާންތައް އަބަދުވެސް ރައްކާކުރާނެކަމަށް ރޮނާލްޑޯ ބުންޏެވެ.

ރިއާލަށް 9 އަހަރު ކުޅެދިނުމަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ. އެހެންނަމަވެސް، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ރިއާލަށް އަލުން ބަދަލުވާން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.