ޚަބަރު

ހިމަންދޫގައި ޤާއިމްކުރާ ނަރުދަމާ ނިޒާމާއެކު ރައްޔިތުންގެ ތަކްލީފުތަކަށް ނިމުމެއް


ޒަމާނުއްސުރެ އއ.ހިމަންދޫގައި އޮތީ ރަށުގެ ރައްޔިތުން އަމިއްލައަށް އަޅާފައި އޮތް ނަރުދަމާއެކެވެ. މިނަރުދަމާ ނިޒާމް ބޭނުންނުކުރާ ގެތައް މަދުނަމަވެސް މިހާތަނަށްވެސް ރަނގަޅު ފެންވަރުގެ ނަރުދަމާ ނިޒާމެއްގެ އިތުރަށް ފެނުގެ ނިޒާމެއްވެސް ޤާއިމްވެފައެއް ނެތެވެ. މިއީ އާބާދީގައި 830 މީހުން ދިރިއުޅެމުން އަންނަ ހިމަންދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. ހިމަންދޫގައި މިހާރު ސަރުކާރުން ޤާއިިމްކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމާއެކު ރައްޔިތުންގެ ތަކްލީފްތަކަށް ނިމުމެއް އަންނާނެއެވެ.

އއ.ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހިމަންދޫއަށް ގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހިމަންދޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްފައި އޮތްނަމަވެސް މިހާތަނަށްވެސް ފެނުގެ ނިޒާމެއް ޤާއިމްކޮށްފައި ނުވާކަމަށެވެ. އަދި އެ ރަށުގެ ބައެއް ގެތަކަށް މިހާރު ނަރުދަމާ ނިޒާމް ގުޅާފައި ހުރި ގޮތުން ނަރުދަމާ ހޮޅިތަކާއި ފާޚާނާތައް ބްލޮކްވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހުޝާމް ވިދާޅުވީ ނަރުދަމާ ނިޒާމާއެކު އެރަށުގެ ފެންފަށަލަވެސް ހަލާކުވެފައިވާކަމަށެވެ. އެގޮތުން ވަރަށްގިނަ ގެތަކުގައި ބިމުން ނެގޭ ފެނަކީ ބޭނުންކުރާ ވަރަށްވުރެވެސް ނަޖިސްފެނެވެ. އަދި ނުބައިވަސް ދުވުމާއި ފެނުގެ ކުލައަށްވެސް ބަދަލުތަކެއް އައިސްފައި ހުންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން 5 ނުވަތ 10 ގެ ހިމެނޭހެން ނަރުދަމާ އަޅާފައި ހުރޭ، ވަރަށް ދުވަސް ވެއްޖެ އަމިއްލަ ފަރާތްތަކުން ނަރުދަމާ އަޅައިގެން އުޅޭތާ، ރަށުގެ އެކި ގްރޫޕްތަކުން ބަހާލައިގެން ކޮށްފައިވާ މަސައްކަތެއް މިއީ، މަރާމާތު ކުރުމަށް ގެތަކުގެ ރައްޔިތުންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއްވެސް ނަގާނެ، އަމިއްލަ ނަރުދަމާ އަޅައިގެން ނޫޅޭ މީހުން މިހާރު ވަރަށް މަދުވާނެ، ކުރިން ގޯތިތެރޭގައި ޖަންގްޝަން ހަދާފައި ހުރުމުގެ ސަބަބުން ރަށުގެ ފެންފަށަލަ މިހާ ބޮޑަށް ހަލާކުވެފައި ހުރީ."ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް ވިދާޅުވިއެވެ.

ސަރުކާރުން ހިމަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދަކާ ގުޅިފައިވާކަމެކެވެ. ޚާއްސަކޮށް ފެނުގެ ޚިދުމަތް ލިބެމުންދިޔުމަކީ ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ރަށު ކައުންސިލުން ވިދާޅުވީ އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 956 މީޓަރގެ ޕަންޕިން ލައިން އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢަށް 65 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.

އއ.ހިމަންދޫއަކީ އަރިއަތޮޅު އުތުރުބުރީގެ އެންމެ ދެކުނުން މީހުން ދިރިއުޅޭ ރަށެވެ. ރަށުގެ ގިނަ ރައްޔިތުންނަކީ މަސްވެރިކަން ކުރާ މީހުންނެވެ. އަދި މިހާރަކަށް އައިސް މިރަށުގައިވެސް ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުންދާ ކަން ފާހަގަކުރެވެއެވެ.