ޚަބަރު

ވިއްސާރައިގައި ގެއްލުންވި އައްޑޫގެ ގެތަކަށް އެހީ ދޭން ފަށައިފި


އައްޑޫ ސިޓީއަށް ކުރި ވިއްސަރާގައި
ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ސަރުކާރުން ފައިސާގެ އެހީ ދޭން މިއަދު
ފަށައިފި އެވެ.



އައްޑޫގެ ގެތަކަށް ފައިސާ
އެހީ ދޫކުރަމުން ގެންދަނީ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރާއި ފިނޭންސް
މިނިސްޓްރީގެ ބޭފުޅުން އައްޑޫއަށް ވަޑައިގެން އެވެ. 

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު
ދެއްވަމުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، އައްޑޫގައި
ފެންބޮޑުވި ޙާދިސާގައި ގެއްލުން ލިބުނު ގެތަކަށް އެހީ ދޫކުރަމުންދަނީ ވިއްސާރައާ
ގުޅިގެން ލިބުނު ގެއްލުތަކަށް ބަލާ ހަދާފައިވާ އެސެސްމަންޓަށް ބެލުމަށް ފަހުގައި
ކަމަށެވެ. އެގޮތުން ލިބުނު ގެއްލުން 20،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ ލިބުނު
ގެއްލުން ފޫބެއްދުމަށް 75 ޕަސެންޓުގެ ފައިސާ އެހީއެއް ދޭއިރު، ލިބުނު
ގެއްލުން 20،000 ވުރެ ދަށްވާ ނަމަ 50 ޕަސެންޓުގެ އެހީއެެއް ދިނުމަށް
ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުގެ އޮފިޝަލް ވިދާޅުވީ، ފައިސާގެ އެހީ ދޫކުރަމުން ގެންދަނީ ފޭދޫ
އޮފީހުންނާއި ބައެއް ގެތަކަށް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުގެ އޮފިޝަލުން
ޒިޔާރަތްކޮށް ކަމަށެވެ. 

އައްޑޫ
ސިޓީގެ ފޭދޫއަށް ކުރި ވިއްސާރައިގައި ފޭދޫގެ 300 އަށްވުރެ ގިނަ ގެއަކަށް
ފެނުގެ އަސަރުކޮށްފައިވާއިރު، އޭގެ ތެރެއިން 50 ގެއެއްގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ
ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި އެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ފޭދޫ އަދި މަރަދޫ ފެދޫ އަށެވެ.