ދުނިޔޭގެ ވިޔަފާރި

އައިޓީ ސެކްޓަރ ކޮންޓްރޯލް ކުރުމަށް ޗައިނާއިން އައު ޤަވާއިދުތަކެއް އެކަށައަޅައިފި


އައިޓީ ސެކްޓަރ ކޮންޓްރޯލްކޮށް ކުންފުނިތަކުގެ މުހިންމު ޑާޓާތައް ބޭނުންކުރާނެ ގޮތާއި އިންސާފުން ބޭރުން އޮންނަ އިންޓަރނެޓްގެ ވާދަވެރިކަން ހުއްޓުވުމުގެ މަޤްޞަދުގައި ތަފްޞީލީ އައު ޤަވާއިދުތަކެއް ޗައިނާއިން އަނެއްކާވެސް އެކަށައަޅައިފިއެވެ.

އެގޮތުން ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަން (އެސްއޭއެމްއާރް) އިން އަންގާރަ ދުވަހު ވަނީ ގިނަ ގަވާއިދުތަކެއްގެ ދެލި ކޮޕީތަކެއް ނެރެފައެވެ. އެގޮތުން އަމިއްލަ އުފެއްދުންތައް ރައްކާތެރިކުރާނެ ގޮތުގެ ޤަވާއިދުގެ ދެލިކޮޕީ އާއި ބްރޭންޑް ރަނގަޅުކުރުމުގެ ޤަވާއިދުގެ ދެލި ކޮޕީ އަދި ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ސައްހަ ނޫން ރިވިއު ރިޕޯޓްތައް ބޭނުންކުރުން މަނާ ކުރާ ޤަވާއިދުގެ ދެލިކޮޕީވެސް ހިމެނެއެވެ.

މީގެއިތުރުން ދޮގު މަޢުލޫމާތު ފެތުރުމާއި، ކަންކަމާއި ދެކޮޅަށް ހުންނަ ރިޕޯޓްތަކާއި ޚިޔާލުތައް ފޮރުވުމާއި، އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުން ޚިޔާރުކުރާ ކަންތައްތަކަށް ނުފޫޒު ފޯރުވުމާއި، ވާދަވެރިންގެ ވިޔަފާރީގެ މަޢުލޫމާތު އެއްވެސް ގޮތަކަށް ބޭނުންކުރުންވެސް މި ޤަވާއިދުގެ ދަށުން މަނާވާނެއެވެ.

ތަކެތި ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކުރުމާއި އަދި އެމީހުންގެ ޙައްޤުތައް ނިގުޅައިގަނެ ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމަށް މަސައްކަތްކުރާތީ، އިންޓަރނެޓް ޕްލެޓްފޯމްތައް ކުރިއަށްވުރެ ބޮޑަށް ކޮންޓްރޯލު ކުރުމަށް ވޭތުވެދިޔަ މަސްތަކުގައި ބެއިޖިން އިން ވަނީ މަސައްކަތް ފަށާފައެވެ.

އަންގާރަދުވަހު ނެރުނު ޤަވާއިދުގެ ދެލިކޮޕީއަކީ މިކަންތައްތަކަށް ޗައިނާގެ ސަރުކާރުން ގެނައި އެންމެފަހުގެ ބަދަލުތަކެވެ. މި ކަންތައްތަކާއި ގުޅިގެން ޗައިނާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އަލީ ބާބާ އަދި ޓެނެންސް ހޯލްޑިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ. އައު ޤަވާއިދުތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.