އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅެމުންދާ ޓެމީ އަބްރަހަމް އިޓަލިއަން ސެރީއާގެ އޭއެސް ރޯމާއަށް ސޮއިކޮށްފިއެވެ. އަބްރަހަމް ރޯމާއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުެއްގެ ދަށުންނެވެ.
މިދިޔަ ސީޒަންގައި ޗެލްސީއަށް އެންމެ ގިނަ ލަނޑު ޖަހާދިން ދެކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްރަހަމް ރޯމާއަށް ސޮއިކޮށްފައިވަނީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ. ރޯމާއަކީ ޗެލްސީއަށް ކުރިން ކޯޗް ކޮށްދީފައިވާ ތަޖްރިބާކާރު ކޯޗު ޖޯސޭ މޮރީނިއޯ މިހާރު ކޯޗް ކޮށްދޭ ކްލަބެވެ. ދެކްލަބުން ވީ އެއްބަސްވުމުގެ ދަށުން 23 އަހަރުގެ އަބްރަހަމް ޗެލްސީއިން ބޭނުންވެއްޖެނަމަ 68 މިލިއަން ޕައުންޑަށް ގަނެވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަބްރަހަމް ހާމަކުރިގޮތުގައި ކްލަބަކުން ކުޅުންތެރިޔަކު ވަރަށް ބޭނުންވުމުން އެކަން އެކުޅުންތެރިޔަކަށްވެސް އިހްސާސް ކުރެވޭނެ ކަމަށާއި އެގޮތުން ރޯމާގެ ފަރާތުން އެކަން ކޮށްފައިވާކަމަށެވެ.
ރޯމާއަކީ ބޮޑެތި ކާމިޔާބީތައް ހޭދެން ޖެހޭ ފެންވަރުގެ ޓީމެއް ކަމަށާއި އަދި އޭނައަށް ބޮޑެތި މުބާރާތް ތަކުގައި ވާދަކުރުމުގެ އިތުރުން ބޮޑެތި ކާމިޔާބީތަކެއް ހިއްސާކުރުމުގެ ފުރުސަތު ލިބިފައިވާތީ އެކާމިޔާބީތަށް ރޯމާއާއެކުވެސް ހާސިލް ކުރުމަށް ބޭނުންވާކަމަށް އަބްރަހަމް ހާމަކުރިއެވެ. އަދި ރޯމާގެ އަސްލު ފެންވަރަށް އެކްލަބް ގެންދިއުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ހުރީ ތައްޔާރަށް ކަމުގައި އަބްރަހަމް ހާމަކުރިއެވެ. ޗެލްސީ އާއި ރޯމާގެ މެދުގައި މިދިޔަ ހަފްތާ ބަންދުގައި އެއްބަސްވުމަކަށް އާސެވުމާއެކު އަބްރަހަމްވަނީ ރޯމްއަށް އިއްޔެ ދަތުރު ކޮށްފައެވެ.
ޗެލްސީއިންވަނީ އެކްލަބްގެ ކުރީގެ ކުޅުންތެރިޔާ ރޮމެލޫ ލުކާކޫ އަނބުރާ ކްލަބްގެ ރިކޯދް އަގަދަށް ގެންގޮސްފައެވެ. އަދި އިންޓަރ މިލާނުން ހުސްވި ޖާގަ އެކްލަބުން ފުރާފައިވަނީ ރޯމާގެ ތަޖްރިބާކާރު ފޯވަޑް އެޑިން ޒެކޯ އިންޓަރއަށް ގެންގޮސްގެންނެވެ. އެހެންކަމުން ރޯމާގެ ކުރިން ހުސްވި ޖާގައަށް މޮރީނިއޯ ދިޔައީ ކުޅުންތެރިއެއް ހޮދުމގެ މަސައްކަތް ކުރަމުންނެވެ. އަބްރަހަމް ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި 82 މެޗް ކުޅެދީ 30 ލަނޑު ޖަހާދީފައިވެއެވެ.
އަބްރަހަމް ޗެލްސީގައި އެންމެ ބޮޑަށް ބޭނުންކުރިތަން ފެނިގެންދިޔައީ އެކްލަބްގެ ކޯޗަކަށް ފްރޭންކް ލެމްޕާޑ ހުރިއިރުއެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއީ އަބްރަހަމްގެ ކުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.