މުނިފޫހިފިލުވުން

"މަރުޖާވާން" ބޮޑު ތަރުހީބެއް، މުޅިން އައު ކޮމްޕޯސަރުން


އަކްޝޭ ކުމާރު އަދި ވާނީ ކަޕޫރު ފެނިގެންދާ ފިލްމު "ބެލް ބޮޓަމް" ސިނަމާތަކަށް އަންނާނީ މާދަމާއެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ ތެރެއިން ފިލްމުގައި ހިމެނޭ "މަރުޖާވާން" ރިލީޒްކުރުމާއި އެކު މި ލަވަ ވަނީ މިހާތަނަށް 54 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

އަބަދުވެސް އައު ފަންނާނުން ފުރުސަތު ހޯދާއިދެމުން އަންނަ އަކްޝޭ މިވަނީ މި ލަވައާއި އެކު މުޅިން އައު ދެ މިއުޒީޝަނުން ބޮލީވުޑަށް ތައާރަފުކޮށްދީފައެވެ. "މަރުޖާވާން" މި ލަވައިގެ މިއުޒިކް ޑިރެކްޓަރުންނަކީ ގޯރަވް އާއި ކާތިކް ދޭވްއެވެ. މީ މި ދެމީހުން އެންމެ ފުރަތަމަ ލަވައެވެ.

މި މީހުން ކެރިއަރ ފެށީ އަރްވިންދްރާ ކައިރާ، ބީ ޕްރާކް އަދި ޖެއްސީ ގިލް ފަދަ މިޔުޒިކް ޑައިރެކްޓަރުންނަށް މިޔުޒިކް އެރޭންޖްކޮށްދިނުމުންނެވެ. މީގެއިތުރުން އެކްޓަރ ނަވާޒުއްދީން ސިއްދީޤީ ފެނިގެންދިޔަ ލަވަ "ބާރިޝްކީ ޖާ ޔޭ" އަދި "ފިލްހާލް 2" ގެ މިޔުޒިކް ޕްރޮޑަކްޝަން ހަދާދީފައިވަނީ ގޯރަވް އާއި ކާތިކް އެވެ.

ފިލްމު "ބެލް ބޮޓަމް" އިން އަކްޝޭ މި ދިން ފުރުޞަތަށް އަކްޝޭ ކުމާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް ދެ ޑައިރެކްޓަރުންވެސް ބުނެއެވެ އަދި "މަރުޖާވާން" ލަވައަކީ ހަމައެކަނި އަކްޝޭއަށް އުފައްދާދިން ލަވައެއްކަމަށްވެސް އެ ދެމީހުން ބުނެއެވެ.

މި ލަވައިގެ އިތުރުން މަނިންދްރަ ބުޓަރގެ ކުރިއަށް އޮތް ލަވައާއި ޕަންޖާބު ލަވަކިޔުންތެރިޔާ ކަކާގެ ގެ ލަވައެއްވެސް މި ދެ ފަންނާނުންނަށް ކުރިއަށް އެބައޮތެވެ.

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ބެލް ބޮޓަމް" ގެ ފުރަތަމަ ޓިޒަރ ދައްކާލުމުން ގިނަ ބައެއްގެ ޝައުގުވަނީ މި ފިލްމަށް ބޮޑުވެފައެވެ. ޚާއްޞަކޮށް އަކްޝޭގެ ހުނަރާއި ލަރާ ދައްތާ އިންދިރާ ގަންދީގެ ގޮތުގައި ފެންނަ މަންޒަރުތަކުން ގިނަ ބައެއް ތިބީ ފިލްމުގެ އިންތިޒާރުގައެވެ.

އެކި ޕްލެޓް ފޯމްތަކުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން އަންނަނީ ކުރަމުންނެވެ. މިގޮތުން ހުއްޓާލާފައި އޮތުމަށްފަހު މިމަހުގެ 21 ގައި އަލުން ފަށާ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެންމެ ފުރަތަމަ ގެސްޓުންނަކީވެސް މި ފިލްމުގެ ކާސްޓުންނެވެ.