އާ ނޫޓް ސީރީޒް ރަންދިހަ
ފަހެއްގެ ނޫޓްތައް މިމަހު ރިލީސްކުރާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
ދިވެހިރުފިޔާގެ އާނޫޓް
ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓްސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް
ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ
ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް
ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫތްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން
ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ
އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު މިއީ އާދައިގެ އަލީގައި ފެންނާނެ
އެއްޗެއްނޫނެވެ. މީގެ އިތުރުން އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ
ކުރެހުންގަޑުވެސް އަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާނެއެވެ.
ރަންދިހަ ފަހެއްގެ ނޫޓް
ސީރީޒްގެ ނޫޓްތަކަކީ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް
ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ
ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ބައިތަކެއް އެކުލެވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި
ބޭނުންކުރާފަދަ ޒަމާނީ ނޫޓްތަކެއް ރާއްޖޭގައިވެސް ބޭނުންކުރުމަށް
ތައްޔާރުވަމުންދާއިރު ނޫޓްތައް ގެންގުޅުމުގައިވެސް ސަމާލުކަންދޭންޖެހޭ
ކަންތައްތަކެއްހުރެއެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ނޫޓްތަކާ ޚިލާފަށް
ޕޮލިމާ ނޫޓްތައް ފަތްޖަހާ ބޮޑިކޮށްފި ނަމަ ނޫޓްތައް ހަލާކުވެދާނެއެވެ. އޭގެ
އިތުރުން ނޫޓްތައް އިސްތިރިފަދަ ގަދަ ހޫނަށް ހުށައެޅިއްޖެނަމަ ވިރިގެންދާނެއެވެ.
އެހެންނަމަވެސް ކަރުދާހު ނޫޓާ ޚިލާފަށް ފެން ނުވަތަ ނޫޓްހަޑިވާފަދަ އެއްޗެއް ނޫޓަށް އެޅުމުން ނޫޓް ފޯވެގެން ނުދާނެއެވެ.
އެފަދަ އެއްޗެއް އެޅިއްޖެނަމަ ފުހެލުމުން ނޫޓް ސާފުކޮށްލެވެއެވެ. ޕޮލިމާ ނޫޓަކީ
މިނޫޓް ބޭނުންކުރުމުގައި މިފަދަ އެތައް ކަމަކަށް ސަމާލުކަންދޭންޖެހޭ
އެއްޗެއްކަމުން އެމްއެމްއޭއިން މިހާރު ގެންދަނީ މި ނޫޓްތަކަށް ޢާންމުން
ހޭލުންތެރިކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ކުރަމުންނެވެ.