ޚަބަރު

އޭއެފްސީ ކަަޕްގައި މާޒިޔާ ތަމްސީލް ކުރަނީ ދިވެހިރާއްޖެ: ވިޑަކޮވިޗް


މާޒިޔާ ކުޅުނަސް އޭއެފްސީ ކަޕްގައި މާޒިޔާ ތަމްސީލް ކުރަނީ ދިވެހިރާއްޖެކަމަށް މާޒިޔާގެ ސާބިއާ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މާދަމާ ފަށާ އޭއެފްސީ ކަޕްގެ ގޫރޫޕް ޑީގެ މެޗްތަށް ގަލޮޅު ބޯޅަ ދަނޑުގައި ކުރިއަށްދާއިރު، މާޒިޔާ މާދަމާ ރޭ ނުކުންނާނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއި ދެކޮޅަށެވެ. މާޒިޔާއިންވަނީ މިމުބާރާތުގެ ކުރިން ސަޢުދީ ޢަރަބިއްޔާގައި 10 ދުވަހުގެ ކޭމްޕެއްކޮށްފައެވެ.

މި ގޫރޫޕުން ޖާގައެއް ހޯދުމަށް މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސްއިންވަނީ އިންޑިއާގެ ބެންގަލޫރު އެފްސީއާއި ވާދަކޮށް ބަލިވެފައެވެ. މިއާއެކު މާލޭގައި ކުޅޭ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކުލަބްއަކަށް ވާދަކުރާނީ މާޒިޔާ އެކަންޏެވެ. ދެން މި ގުރޫޕުގައި އޮތީ އިންޑިއާގެ ބެންގަލޫރު އެފްސީއާއި އޭޓީކޭ މޯހަން ބަގާންއެވެ.

މާޒިޔާއާއި ބަޝުންދުރަ ކިންގްސް ބައްދަލުކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއްކަމަށާއި އަމިއްލަ ފަސްގަނޑުގައި ކުޅޭ ފުރަތަމަ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމުކަމަށެވެ. ވިޑަކޮވިޗް ބުނީ ސަޢުދީގައި ކުރި ކޭމްޕްގެ ސަބަބުން މާޒިޔާއަށް ވަރަށް ބޮޑު ފައިދާއެއްކޮށްފައިވާކަމަށާއި އެ ކޭމްޕްގައި ކުޅުނު މެޗްތަކުން ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް މެޗް ފިޓްނަސް ލިބިގެންދާނެކަމަށް ޤަބޫލްކުރާކަމަށެވެ. ނަމަވެސް އެކުވެރިކަމުގެ މެޗަކަށްވުމުން މެޗު ޕްރެޝަރު އޮންނަ މިންވަރު ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މި ގުރޫޕުގައި ވާދަކުރާ އެހެން ޓީމުތަކާއި އަޅާބަލާއިރު، ބަޝުންދުރާއަށް ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ކޮށްފައިވާކަމަށެވެ. އެއީ އެޓީމުންވަނީ ވަރަށް ފަހުންވެސް ވާދަވެރި މެޗުތަކެއް ކުޅެފައެވެ. އަދި ދާދިފަހުން ބަންގްލަދޭޝް ލީގުގެ ޗެންޕިއަންކަން އެ ޓީމު ހޯދާފައިވުމުން، ކުޅުންތެރިންނަށް ވަރަށް ބޮޑު ކޮންފިޑެންސްއެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ. ޚާއްސަކޮށް މިފަދަ ބޮޑު މުބާރާތަކާއި ކުރިމަތިލާއިރު، މިއީ ބަޝުންދުރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ. އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ކޯޗް އޮސްކާ ރާއްޖޭގައި މަސައްކަތްކޮށްފައިވުމުންވެސް އެޓީމްއަށް އެހެން ޓީމްތަކަށް ވުރެއް ފައިދާ ނުރާނެކަމަށް ވިޑަކޮވިޗް ބުންޏެވެ.


"ރާއްޖޭގެ ކުޅުންތެރިން އޮސްކާއަށް އެގޭ. މިމާހައުލުވެސް އޭނާއަށް އެގޭ. މިއީ އެޓީމްއަށް އޮތް ކޮންމެވެސް ވަރެއްގެ ފައިދާއެއް. އަދި އެޓީމްއިންވަނީ ވާދަވެރި ގިނަ މެޗްތަކެއް ކުޅެފަ، މިމުބާރަތަށް އައުމުގެ ކުރިން. މާޒިޔާއިން މިކަމަށް އެއްވެސް ސަމާލުކަމެއް ދޭކަށް ބޭނުމެއް ނޫން، މާޒިޔާއިން ބޭނުންވަނީ ދަނޑުމަތީގައި މޮޅަށް ކުޅެ، މެޗްއިން މޮޅުވާން. ބަޝުންދުރާގެ ވަކިވަކި ކުޅުންތެރިންނަށް މާޒިޔާއިން ނުވިސްނާނެ، މާޒިޔާއިން ބޭނުންވަނީ ޓީމްއެއްގެ ގޮތުގައި ކުޅެން. މިމެޗް ވަރަށް ވާދަވެރިވާނެކަމަށް ގަބޫލް ކުރެވޭ. އެއީ އޮސްކާއަކީވެސް ފުޓްބޯޅަ ކުޅެން ބޭނުންވާ ކޯޗްއަކަށް ވުމުން." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާއިން ސައުދީގައި ކުރި ކޭންޕްގައިވަނީ އެކުވެރިކަމުގެ 3 މެޗްއެއް ކުޅެފައެވެ. ފުރަތަމަ މެޗްގައި ސައުދީގެ އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 2 ލަނޑު 1 ލަނޑުން މޮޅުވިއިރުގައި ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގު ކުލަބްއެއްކަމަށްވާ އަލް ވަހްދާއާއިއެކު ކުޅުނު މެޗްވަނީ އެއްވެސް ޓީމްއަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އަދި ތިންވަނަ މެޗްގައި ސައުދީގެ ޖިއްދާ އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުންވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެފައެވެ.