ޚަބަރު

ސިވިލް ސަރވިސް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ ބައެއް ތަކެތި ޕާކިސްތާނުން ހަދިޔާކޮށްފި


ދިވެހި ސިވިލް ސަރވިސް ޑިޖިޓަލައިޒްކުރުމަށް ކުރާ މަސައްކަތްތައް އެހީތެރިވުމުގެގޮތުން ޕާކިސްތާނުން ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

ޕާކިސްތާނުގެ ފަރާތުން މިތަކެތި ހަދިޔާކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިތަކެތި ސިވިލް ސަރވިސް ކޮމިޝަނާއި ރަސްމީކޮށް ޙަވާލުކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުވައްވާފައިވާ ސަފީރު ވައިސް އެޑްމިރަލް އަތާރް މުޚްތާރެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެވަޑައިގަތީ އެކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސާފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޕާކިސްތާނާދެމެދު އޮތް ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވާ، މިގުޅުން އެކި ރޮނގުތަކުން އިތުރަށް ފުޅާކުރުމަށް ޝައުގުވެރިވެލައްވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ހަދިޔާކުރި މިތަކެއްޗާއެކު ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރައްވާ މަސައްކަތްތައް އިތުރު ކުރިއެތުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި ގިނަ ޢަދަދެއްގެ އޮފީސް އިކުއިޕްމަންޓުތަކެއް ވަނީ ހަދިޔާކޮށްފައެވެ.

މިއީ ސިވިލް ސަރވިސް ކޮމިޝަނުން، ދިވެހި ސިވިލް ސަރވިސް އިތުރަށް ތަރައްގީކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުގައި ހިމެނޭ ސިވިލް ސަރވިސް ކޮމިޝަނުގެ އައި.ޓީ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް ލިބިގެންދާ އިތުރު ކުރިއެރުމެއްގެގޮތުގައި އެ ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހު ވަނީ ސިފަކުރައްވާފައެވެ.

ރާއްޖޭގެ ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކޮށް ޑިޖިޓަލައިޒްކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޕާކިސްތާނުން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި 75 އިންޗީގެ ސްމާރޓް ޓިވީއަކާއި، 16 ކޮމްޕިއުޓަރ ސިސްޓަމާއި، 6 މޮނީޓަރުގެ އިތުރުން 3 ލެޕްޓޮޕް ހިމެނެއެވެ.