ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮލުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތ. ތިމަރަފުއްޓަށް ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތިމަރަފުށި ހިމެނޭހެން ކޮޅުމަޑުލުގެ 7 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ތިމަރަފުއްޓަށް އެމަނިކުފާނު ވަޑައިގަންނަވާއިރު، ކިނބިދޫ، އޮމަދޫ، އަދި ވޭމަންޑޫއަށް މާދަމާ ވަޑައިގަންނަވާނެއެވެ. އަދި ދަތުރުފުޅުގެ ފަހު ދުވަހު އެ އަތޮޅު ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގައި ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް ބައްލަވާލެވުމުގެ އިތުރުން ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ސަރުކާރުގެ ބައެއް މުއައްސަސާތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިއީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ޙާލަތު ރަނގަޅުވާން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ މިފަދަ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު މިދިޔަ ޖުލައިމަހުގެ ތެރޭގައި ވަނީ ތިލަދުންމަތީގެ ބައެއް ރަށްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.