ޚަބަރު

ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކަށް ދާއިމީކޮށް ކަރަންޓު ދޭން ފަށައިފި


ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހިމެނޭ ބައެއް ޓަވަރުތަކަށް ދާއީމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މިއަދުން ފެށީގެން ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ މިއަދުގެ ވަގުތުތަކުގައި މި ޓަވަރުތަކަށްވެސް ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ގިނަ ފަރާތްތަކުން ފްލެޓަށް ބަދަލުވުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ތެރެއިން 16 އެޕާރޓްމަންޓްގެ ޓަވަރެއްގައިވާ 3 ލިފްޓުން 2 ލިފްޓް އަދި 20 އެޕާރޓްމަންޓްގެ ޓަވަރެއްގައިވާ 4 ލިފްޓުން 3 ލިފްޓް ބޭނުންކުރެވޭނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި އެ ކޯރޕަރޭޝަންގެ މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި، މިކަމާގުޅޭ އިތުރު އިރުޝާދު ދެމުންދާނެކަމަށްވެސް އެޗް.ޑީ.ސީން ހާމަކޮށްފައިވެއެވެ. މިކަމަކީ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާތީ، ފަސޭހަކަމާއެކު މިކަން ކުރެވެން އަންނަނީ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. ހިޔާ ޓަވަރުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލްތައް އެޅުމާއި، ކަރަންޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 16 ޓަވަރަށާއި އަދި އިތުރު ބޭނުންތަކަށް ޤާއިމުކުރި 1 ޓްރާންސްފޯމަރާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ވަނީ ބަހައްޓާފައެވެ. މި ޓްރާންސްފޯމަރުތަކަށް ކަރަންޓުދީ، ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރަމުންދަނީ ސްޓެލްކޯގެވެސް ބައިވެރިވުމާއެކުއެވެ.

ހިޔާ ފްލެޓްތަކަށް މިއަދު ދާއިމީ ކަރަންޓު ދޭން ފަށާފައިވާއިރު، ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށްދާނެކަމަށްވެސް އެކުންފުނިން ވިދާޅުވުވެއެވެ. މިހާރު ކަރަންޓު ދީފައިވާ ދެ ޓަވަރުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސް ފޮނުވާނެކަމަށާއި، އެސް،އެމް.އެސް ލިބުމުން ކަރަންޓު ލުމަށްޓަކާ އެކުންފުންޏާއެކު ސޮއިކޮށްފައިވާ ފަރާތްތަކަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު އެޓަވަރަކަށް ވަޑައިގަތުމުން ފްލެޓަށް ކަރަންޓު ދެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެހެންކަމުން ސްޓެލްކޯއިން ވަނީ ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް އިލްތިމާސްކުރައްވާފައެވެ. ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު ސްޓެލްކޯގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ ފިނިޝިންގއަށް ދިން މުއްދަތު ކުރުވުމެވެ. އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ފިނިޝިންގއަށް ދީފައިވާ މުއްދަތު މިއަހަރުގެ ޑިސެމްބަރާއި ހަމައަށް އިތުރުކޮށްދެއްވާފައެވެ. އަދި ފަހުން އިތުރުކުރި 3 މަހަށް ރައްޔިތުންގެ އަތުން ކުލިވެސް ނުނަގާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.