ޚަބަރު

ސުޕަރ ލީގުން ވަކިވި 9 ކްލަބަށް އީސީއޭގެ މެމްބަރުކަން އަލުން ދީފި


ޔޫރަޕިއަން ސުޕަރ ލީގު އުފެއްދުމުގައި ބައިވެރިވެ ނަމަވެސް ފަހުން ވަކިވި ނުވަ ކްލަބަށް ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން، އީސީއޭގެ މެންބަރުކަން އަލުން ދީފިއެވެ. މި 9 ކްލަބުންވަނީ އީސީއޭއިން މިއަހަރުގެ އެޕްރީލްމަހު ވަކިވެފައެވެ.

އިސީއޭއިން ހާމަކުރިގޮތުގައި އާސެނަލް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނއިޓެޑް، ޓޮޓްނަމް ހޮޓްސްޕަރ، އޭސީ މިލާން، އިންޓަރ މިލާން އަދި އެތުލެޓިކޯ މެޑްރިޑްވަނީ އެއެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި 2023 ގެ ނިޔަލަށް ތިބޭނެކަން ހާމަކޮށްފައެވެ. އީސީއޭއިން ހާމަކުރިގޮތުގައި މިއާއެކު ޔޫރަޕްގެ ފުޓްބޯޅައަށް ހަލަބޮލިކަން ގެނުވި ހާދިސާއަށް ނިމުމެއް އައީކަމަށެވެ. މި 9 ކްލަބަށް މެންބަރުކަމުގެ ފުރުސަތު ލިބުނު ނަމަވެސް އިއެސްއެލް ގާއިމް ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ތިން ކްލަބް ކަމަށްވާ ޔުވެންޓަސް އާއި ބަސެލޯނާ އަދި ރެއާލް މެދްރިޑަށް މެންބަރުކަމުގެ ފުރުސަތެއް ނުލިބެއެވެ.

މި ނުވަ ކްލަބް ބަލައިގެންފައިވީ ނަމަވެސް ޔުއޭފާއިންވަނީ އީއެސްއެލް އުފެއްދުމުގައި ބައިވެރިވެފައިވާތީ މި9 ކްލަބާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. ނަމަވެސް ޔޫވޭ އާއި ބާރސާ އަދި ރެއާލްއަށް ފިޔަވަޅު އެޅުމުގެ ކުރިން އެތިން ކްލަބުން ކޯޓަށް މައްސަލަ ހުށަހަޅާ ކޯޓުންވަނީ އެކްލަބްތަކާއި ދެކޮޅަށް ޔުއޭފާއަށް ފިޔަވަޅު ނޭޅޭނެކަން ހާމަކޮށްފައެވެ.

މި9 ކްލަބަށް އިސީއޭގެ މެންބަރުކަން އަލުން ދީފައިވަނީ އެސޯސިއޭޝަންގެ ބޯޑުން މަޝްވަރާ ކުރުމަށްފަހުއެވެ.