ޚަބަރު

ކެނޭޑިއަން އޯޕަންގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދައިފި


ކެނޭޑިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުން ބައިގެ ޗެމްޕިއަންކަން ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ހޯދައިފިއެވެ. އޭނާ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އެމެރިކާގެ ރައިލީ އޮޕެލްކާ އާއި ބައްދަލުކޮށް މޮޅުވެގެންނެވެ.

ޓޮރޮންޓޯގައި ބޭއްވު މިމުބާރާތް މެޑެވެޑޭވް ކާމިޔާބުކުރީ އޮޕެލްކާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިއީ އޭނާ ކާމިޔާބުކުރި އޭޓީޕިގެ 12 ވަނަ މުބާރާތެވެ. އަދި މިއީ ކުރިއަށް އޮތް ޔޫއެސް އޯޕަންގެ ކުރިން އެމުބާރާތަށް ތައްޔާރު ވާން އޭނާއަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއްކަމަށް ގިނަ ފަރާތްތަކުން ހާމަކުރެއެވެ. މެޑްވެޑޭވްވަނީ 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރުމުގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގައި ސެމީފައިނަލްގައި ވާދަކޮށްފައެވެ. މެޑްވެޑޭވް އޮޕެލްކާ ބަލިކޮށްފައިވަނީ 85 މިނެޓުންނެވެ.

މިމުބާރާތުގެ އަންހެނުންގެ ޗެމްޕިއަންކަން ވަނީ އިޓަލީވިލާތުގެ ކަމީލާ ޖިއޯޖީ ކާމިޔާބުކޮށްފައެވެ. މޮންޓްރިއާލްގައި ކުޅުނު އަންހެން ބައިގެ ޗެމްޕިއަންކަން ދުނިޔޭގައި 71 ވަނައަށް ރޭންކް ކުރެވިފައިވާ ޖިއޯޖީ ހޯދީ ފައިނަލްގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ކެރޮލީނާ ޕްލިސްކޯވާ އާއި ބައްދަލުކޮށް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. މިނަތީޖާއާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައިރު މިއީ ޖިއޯޖީ އަށް ކާމިޔާބު ކުރެވުނު ޑަބްލިޔު.ޓީ.އޭގެ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ ޔޫއެސް އޯޕަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.