ޚަބަރު

ކަކުލުގެ އިތުރު އޮޕަރޭޝަނަކާއެކު ފެޑެރަރ އަނެއްކާވެސް ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް


ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރގެ ކަކުލަށް ލިބިފައިވާ އަނިޔާ އާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް ކުރަން ނިންމުމާއެކު އަނެއްކާވެސް ގިނަ ދުވަސްތަކަކަށް ފެޑެރަރ ކުޅުމާއި ދުރަށް ދާންޖެހޭނެކަން ކަށަވަރުވެއްޖެއެވެ. ފެޑެރަރ ހާމަކުރިގޮތުގައި އަލަށް ކުރެވޭ އޮޕަޜޭޝަނައެކުވެސް ގިނަ މަސްތަކަކަށް އޭނާއަށް ނުކުޅެވޭނެކަމަށެވެ.

އުމުރުން 40 އަހަރު ވެފައިވާ ފެޑެރަރ ވަނީ މިދިޔަ އަހަރުވެސް އޭނާގެ ކަކުލުގެ ދެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއޮޕަޜޭޝަންތަކާއެކު ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރވަނީ އަހަރަކަށް ވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހޭދަކޮށްފައެވެ. އިންސްތަގްރާމްގައި އާންމު ކުރި ވީޑިއޯއެއްގައި ފެޑެރަރ ވަނީ މިއޮޕަރޭޝަނާއެކު އޭނާއަށް އަލުން ކުޅެވުމާމެދު ކުދަވަރެއްގެ އުންމިދެއް ލިބިފައިވާކަމަށެވެ. މިއަހަރުގެ ވިމްބަލްޑަން މުބާރާތަށް ހައްސަ އިސްކަމެއް ދީގެން ތައްޔާރުވި ފެޑެރަރވަނީ އެމުބާރާތުގެ ކްއާޓަރ ފައިނަލްގައި ބަލިވެފައެވެ. އަދި އޭގެފަހުން ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގައި އަނިޔާގެ ސަބަބުން ބައިވރިވެފައެއް ނުވެއެވެ.

އޭނާ ހާމަކުރިގޮތުގައި އޮޕަޜޭޝަނަށްފަހު ގިނަ ހަފްތާތަކެއް ވަންދެން ފައިގާ ޕްލާސްޓާރ އަޅާފައި އޮންނާނެ ކަމަށާއި އަދި ގިނަ މަސްތަކެއް ވަންދެން ނުކުޅެވޭނެ ކަމަށެވެ. މިއޮޕަޜެޝަނުގެ ސަބަބުން ބައެއް ކަންތައްތަކުގައި އުނދަގޫތަކެއް ހުންނާނެ ކަމަށާއި ނަމަވެސް މިއީ އޭނާ ރަނަގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ވާކަމަށްވާނަމަ ކުރަންޖެހޭ އޮޕަރޭޝަނެއް ކަމަށް ފެޑެރަރ ހާމަކުރިއެވެ. އަދި އޭނާއަށް އަދި ކުޅެވިދާނެކަމުގެ އުންމީދެއް އަމިއްލައަށް ދިނުންވެސް މިއޮޕަޜޭޝަން ކުރުމުގެ މަގްސަދުގެ ތެރޭގައި ހުމެނޭކަމަށެވެ.