ޚަބަރު

ޓީޓީގައި ކުރިއަށް ދިއުމަށް ބޭނުންވަނީ ރަނގަޅު ބިންގަލެއް: ޖިއޯނިސް


ރަނގަޅު ކޯޗްއަކާއިއެކު ރަނގަޅު ފައުންޑޭޝަންއެއް އެޅިއްޖެކަމުގައިވާނަމަ ރާއްޖޭގައި ޓޭބަލް ޓެނިސްއިން ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެކަމަށް ގްރީސްގެ ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސް ބުނެފިއެވެ.

ނިމިގެންދިޔަ ޓޯކިޔޯ އޮލިމްޕިކްސް ނިންމާލުމަށްފަހު، ރާއްޖެ އައިސް ޗުއްޓީ ނިންމާލުމަށް އެބުރި ގައުމްއަށް ދިއުމުގެ ކުރިން ޖިއޯނިސްވަނީ ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ދުނިޔޭގެ ލެވެލްގެ ޗެންޕިއަން އަދި އޮލިމްޕިކްސްގައި 5 ފަހަރު ވާދަކޮށްފައިވާ އަދި 2024ވަނަ އަހަރު ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްއަށްވެސް ކޮލިފައިވެފައިވާ ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސްވަނީ ރާއްޖޭގެ ކުޅުންތެރިންނާއެކު ކުޅުމުގެ އިތުރުން، އެކުޅުންތެރިނާއެކު އޭނާގެ ޓީޓީ ހަޔަތާއި ބެހޭގޮތުންވެސް ވާހަކަދައްކާފައެވެ. ހުޅުމާލޭ ޓޭބަލް ޓެނިސް (ޓީޓީ) ހޯލުގައި ކުރިއަށްދިޔަ މިކުޑަ އިވެންޓްގައި ބައިވެރިވުމަށް ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސް ފުރުސަތު ލިބުނީ މިހާރު ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސްގެ ކޯޗް ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެހީގައެވެ.

ޓީޓީ ތަރި ޕެނަޖިއޯޓިސް ބުނީ ރާއްޖޭގެ ޓީޓީއޮތް ފެންވަރާ މެދު އެއްޗެއް ބުނަން ނޭންގޭކަމަށާއި ނަމަވެސް ރާއްޖޭގެ ކުދިންނާއެކު ކުޅެން ލިބުނު މަދު ވަގުތުކޮޅާއި އަޅާބަލާއިރު، އެކުޅުންތެރިންގެ ފެންވަރު ހުރިކަން އެބަ އެނގޭކަމަށެވެ. އަދި ޓީޓީއަކީ އެކަމަށް ޝައުގުވެރިކަން ބަހައްޓައިގެން މަސައްކަތްކޮށްފިނަމަ، ކުރިއެރިދާނެ ކުޅިވަރެއްކަމަށާއި އެންމެ ފުރަތަމަ ބޭނުންވަނީ ޓީޓީދެކެ ލޯބިވުންކަމަށް ޕެނަޖިއޯޓިސް ބުންޏެވެ. އަދި ޓީޓީއަކީ ހަމައެކަނި ހުނަރު ހުރެގެން ކުޅެވޭ ކުޅިވަރެއް ނޫންކަމަށާއި އެކަމަށް ވަގުތުދީ، ރަނގަޅަށް ޕްރެކްޓިސް ކުރުން މުހިންމުކަމަށްވެސް ނިމިގެންދިޔަ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ޓީޓީ ތަރި ޕެނަޖިއޯޓިސް ބުންޏެވެ.

"ޓީޓީއަކީ ވަރަށް ހުނަރުވެރި ކުޅިވަރެއް. އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ކޯޗްއެއްގެ އިރުޝާދު. އެއީ އެންމެ ފުރަތަމަ ބޭސިކް ވަރަށް މުހިންމު. ބޭސިން ރަނގަޅު ވެގެން ނޫނިއްޔާ މިކުޅިވަރުގައި ކުރިއަށް ދިއުން އުދަގޫވާނެ. ރާއްޖޭގެ މިކުޅުންތެރިންނަށް ބަލާއިރު ރާއްޖޭގެ ގައުމީ ކޯޗް ކޮންސްޓަންޓީނޯސް ރަނގަޅު މަސައްކަތްތަކެއް ކުރާކަންއެބައެގޭ. އަދި ޓީޓީ ކުޅެން އެންމެ ރަނގަޅު އުމުރަކީ 6 އަހަރު. ކުޑައިރުން ފެށިގެން ޓީޓީގެ ބޭސިކް އިގުން ވަރަށް މުހިންމު. ރާއްޖޭގައިވެސް ރަނގަޅު ބޭސިކްއެއް އެޅިއްޖެޔާ، މިކުދިންނަށްވެސް މިކަން ކުރެވިދާނެ. އަދި ކޯޗް ކުރާ މަސައްކަތްވަރަށް ފާހަގަކޮށްލެވޭ." ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި އޮތް ޕެނަޖިއޯޓިސް ބުންޏެވެ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ޓީޓީ ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މިފެންވަރުގެ ކުޅުންތެރިއަކާއެކު ކުޅެލާ ވާހަކަދައްކަލަން ލިބުމަކީވެސް ކުޅުންތެރިންނަށް ޓީޓީގައި ކުރިއަށް ދިއުމަށް ލިބިގެންދާނެ ހިއްވަރެކެވެ. ނިމިގެންދިޔަ އޮލިމްޕިކްސްގައި ޕެނަޖިއޯޓިސް ކުޅޭތަން ފެނި އެކުޅުންތެރިންގެ ހުނަރު ފެނިގެން ގޮސްފައިވާއިރު، އެފަދަ ކުޅުންތެރިއަކާއެކު އެއް މޭޒަކަށް އެރުމަކީވެސް ޓީޓީ ކުޅުންތެރިން އަބަދުވެސް ބަލަލުން އައިސްފާއިވާކަމެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

" ގައުމީ ކޯޗްއަކީ ގްރީސްގެ ކޯޗްއެއް، އެހެންވީމަ މިކޯޗް ވަރަށް ބޮޑަށް ފުލޯކުރޭ އެގައުމްގެ ކުޅުންތެރިން. އެގޮތުގެ މަތިން މިފަހަރުގެ އޮލިމްޕިކްސްގައި މެޗްތަށް ކުޅެމުންދިޔައިރުގައި، ކޯޗްވަނީ ކުޅުންތެރިން ގެނެސް އެކުޅުންތެރިންނަށް މޮޅެތި ކުޅުންތެރިންގެ ކުޅުން ތައްކާދީފަ. އެގޮތުން ގްރީސްގެ ޕެނަޖިއޯޓިސްގެ މެޗްތަށްވެސް ކޯޗްވަނީ ރާއްޖޭގެ މިކުޅުންތެރިންނަށް ދައްކާދީފަ. ލައިވްކޮށް މެޗް ބަލެމުގެ އިތުރުން ސަޕޯޓްކުރަމުންވެސްދިޔަ. އެހެންވީމަ ޓީވީއިން ކުޅުންތެރިޔާ ފެނިފެނި ވަރަށް ގާތް ގުޅުމެއް އުފެދިފައިވަނީ. އެހެންވީމަ ޕާސަނަލީ އެކުޅުންތެރިއަކާއެކު ކުޅެލަން ލިބުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރެއް. މިކަމުން ރާއްޖޭގެ ކުޅުންތެރިންނަށް ހިއްވަރުވެސް ލިބިގެންދާނެ." ޝިއުރީ ބުންޏެވެ.

ގައުމީ ޓީޓީ ޓީމްގެ ކުޅުންތެރިންވެސް ބުނީ މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއްކަމަށާއި ހާއްސަކޮށް 5 ފަހަރު އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އެއްކޮށް އެއް މޭޗެއްގައި ބޯޅައެއް ޖަހާލަން ލިބުމަކީވެސް ޓީޓީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މިއިވެންޓްގައި ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)ވެސް ބައިވެރިވެފައެވެ.