ޚަބަރު

އެމްބެސެޑަރ ބްރޭންޑްގެ ކުކިންގ ކްރީމްގެ ވަކި ލޮޓެއް ފިޔަވާ އިތުރު އުފެއްދުންތައް ބޭނުންކުރެވޭނެ


އެމްބެސެޑަރ ބްރޭންޑްގެ ގޯލްޑް ވިޕިން އެންޑް ކުކިންގ ކްރީމްގެ ވަކި ލޮޓެއްގެ އުފެއްދުންތައް ފިޔަވާ އެހެން އުފެއްދުންތައް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން ދީފިއެވެ.

އެމްބެސެޑަރ ބްރޭންޑުގެ "ވެޖިޓަބަލް ކްރީމް" އުފެއްދުމުގައި ބޭނުންކޮށްފައިވާ ބާވަތެއްކަމަށްވާ "ލޯކަސްޓް ބީމް ގަމް" ކެމިކަލެއްގެ ސަބަބުން ތަޣައްޔަރުވެފައިވާތީ، އެ އުފެއްދުން ރާއްޖޭގައި ބޭނުން ނުކުރުމަށް މިމަހުގެ 5 ދުވަހު އެ އޮތޯރިޓީން މީގެ ކުރިން ވަނީ އަންގަވާފައެވެ.

މި އިންގްރީޑިއަންޓް ތަޣައްޔަރުވެފައިވަނީ "އެތިލީން އޮކްސައިޑް" ނަމަކަށްކިޔާ ކެމިކަލަކުންނެވެ. އެކަން ޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުގެ ފަރާތުން އެ އޮތޯރިޓީއަށް އަންގާފައިވެއެވެ. މިކަމާގުޅިގެން އެމް.އެފް.ޑީ.އޭއިން މިހާތަނަށް ބެލި ބެލުމުން މި ކެމިކަލުގެ ސަބަބުން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތް އެމްބެސެޑަރ ބްރޭންޑުގެ ވެޖިޓަބަލް ކްރީމަކީ އެ އެ ބްރޭންޑުގެ "ގޯލްޑް ވިޕިން އެންޑް ކުކިންގ" ކްރީމުގެ ނަންބަރު L21090 ލޮޓުކަމަށެވެ. އަދި އެ އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 26 މާރިޗު 2022 ކަންވެސް ކަށަވަރުވެފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

އެހެންކަމުން "ގޯލްޑް ވިޕިން އެންޑް ކުކިންގ" ކްރީމުގެ ނަންބަރު L21090 ލޮޓުގެ އުފެއްދުންތައް ފިޔަވައި އެހެން އުފެއްދުންތައް ބޭނުންކުރުމުގެ ހުއްދަ އެމް.އެފް.ޑީ.އޭއިން މިހާރު ވަނީ ދީފައެވެ.

އެމް.އެފް.ޑީ.އޭއިން ދާދިފަހުން ވަނީ ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ތަށިތައް ބޭނުން ނުކުރުމަށްވެސް އަންގަވާފައެވެ. "މުޝީ" ބްރޭންޑްގެ ސިިކޯން ސަކްޝަން ޕްލޭޓާއި، ސިލިކޯން ސްނެކް ކަޕު ބޭނުން ނުކުރުމަށް އެ އޮތޯރިޓީން އަންގާފައިވަނީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.