ޚަބަރު

ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް، ގާޑް މުލާ މަރުވެއްޖެ


ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ގާޑް މުލާ މަރުވެއްޖެއެވެ.

މުލާ މަރުވެފައިވަނީ ބަލިވެ އުޅުމަށްފަހުއެވެ. ސިކުނޑީގައި ބައްޔަކަށް ބޭސް ކުރަމުން އައި މުލާ މަރުވެފައިވާކަން އޭނާގެ އާއިލާއިންވަނީ ޔަޤީންކޮށްދީފައެވެ.

އުމުރުން 75 އަހަރުގެ މުލާވަނީ 1970ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. މުލާވަނީ ބަޔާން މިއުނިކްއާއެކު ޖަރުމަން ކަޕް 4 ފަހަރު އަދި ޗެންޕިއަންސްލީގް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބަޔާން މިއުނިކަށް ކުޅެދިން 15 އަހަރުގެ ތެރޭގައި މުލާވަނީ އެޓީމަށް 607 މެޗް ކުޅެދީ 566 ގޯލް ޖަހާދީފައެވެ. ޖަރުމަންގެ ގައުމީ ޓީމާއެކުވެސް މުލާވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން އޭނާވަނީ 1974ވަނަ އަހަރު ފީފާ ވޯލްޑް ކަޕާއި 1972ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. ޖަރުމަން ގައުމީ ޓީމަށް މުލާވަނީ 62 މެޗުން 68 ގޯލް ޖަހާދީފައެވެ.

1981ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު، މުލާގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައިސްފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލައިގައި މުލާވަނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއްގައި ވެސް ފަރުވާ ހޯދާފައެވެ.