ތަޢުލީމު

މައި ކޮލެޖްގެ ދަސްވެނިވުން


ފަންނުވެރި ހުނަރުވެރި ޢިލްމީ ޒުވާނުންނަކީ، ޤައުމުގެ ހުރިހާ ދާއިރާއަކަށްވެސް ނުހަނު ބޭނުންވެފައިވާ ބައެއްކަމަށް އެޑިއުކޭޝަން މިނިސްޓަރގެ ނައިބު އިބްރާހިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މައި ކޮލެޖްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރގެ ނާއިބް އިބްރާހިމް އިސްމާއީލް ވިދާޅުވީ، މި ދަނޑިވަޅުގައި އިޤްތިސާދީ، އިޖްތިމާއީ ދުޅަހެޔޮކަން ކުރިއަރުވާ ތަހްޒީބް މުޖުތަމައެއް ނެގެހެއްޓުމަށްޓަކާ ތައުލީމީ ހިޔާތަކުން ހިޔާ ލިބިގެން މުޖުތަމައަށް ނިކުންނަ އެއްވެސް ކުއްޖަކީ ބާކީ ވާނެ ކުއްޖެއް ނޫންކަމަށެވެ. އިބްރާހިމް އިސްމާއީލް ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ތެދުވެރިކަމާ އަމާނާތްތެރިކަމާއި އަދި ރިވެތި އަހުލާޤީ ސިފަތައް ހިފެހެއްޓުމަކީ، ކާމިޔާބު ކުއްޖަކަށްވުމަށް ވަރަށް މުހިންމު ސިފަތަކެއް ކަމުގައެވެ. މައިކޮލެޖްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަފްލާގައި އެ ކޮލެޖުން ހިންގި އެކިއެކި ކޯސްތަކުން ތިން ސަތޭކަ އަށްވުރެ ގިނަ ދަރިވަރުންވަނީ ދަސްވެނިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެކޮލެޖުން ކުރިއަށް ގެންދިޔަ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް ތްރީގެ ކޯސްތަކުން ފެށިގެން ޑިޕްލޮމާ ކޯސްތަކާއި އެޑްވާންސް ޑިޕްލޮމާ ކޯސްތައް ހިމެނެއެވެ. މީގެއިތުރުން އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ފުރިހަމަކުރި ދަސްވެނިންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ.